މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެތައް އަންނަ އަހަރު ނިމުމުގެ ކުރިން އެހެން ސަރަހައްދަކަށް ބަދަލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކީ މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރުމާއި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 30 ރަށެއްގައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލުން ކަމަށެވެ. އެގޮތުން މިހާރުވެސް 51 ރަށެއްގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އިންޖީނުގެތައް ރިލޮކޭޓް ކުރުމުގެ ޕްރޮޖެކްޓަކީ 2021 ވަނަ އަހަރަށް އަޅުގަނޑުމެން މުޅިން އެއްކޮށް ނިންމަން ތާވަލްކޮށްފައިވާ ޕްރޮޖެކްޓެއް. އެއީ ދިވެހިރާއްޖޭގައި އެންމެ ހާލަތު ދަށް 66 ރަށެއް އުޅޭނެ. އެހެންކަމުން މިހާރުވެސް 51 ޕްރޮޖެކްޓެއް އެބަ ހިނގާ އިންޖީނުގެ ރިލޮކޭޓް ކުރުމަށް. އަޅުގަނޑުމެން ގަބޫލު ކުރަނީ 2021 ވަނަ އަހަރު ނިމެންވާއިރަށް އިދާރަކުރެއްވިއްޔާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ހުރިހާ އިންޖީނުގެތަކެއް މީހުން ދިރި ނޫޅޭ ތަނަކަށް ބަދަލުވެގެންދާނެ ކަމަށް" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އިންޖީނުގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއު ނިމިގެންދާއިރު، ފެނަކައިން ކަރަންޓުގެ ހިދުމަތްދެމުން އަންނަ 154 ރަށުގައި ހުރި ނެޓްވޯކްތައްވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ގިނަ މަސައްކަތްތަކެއްވެސް ފެނަކައިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ތެރެއިން 22 ރަށެއްގައި 12 މެގަވޯޓުގެ ސޯލާ ފެނަލް ހަރުކުރުމުގެ ޕްރޮޖެކްޓެއް މިހާރު އިފްތިތާހުކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ މެދުތެރޭގައި އެ ޕެނަލްތަކުން 12 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ 70 އިންސައްތަ ހަކަތަ ސޯލާ ޕެނަލާއި ތިމާވެއްޓާއި ރައްޓެހި ގޮތްތަކުން އުފެއްދުންކަމަށްވެސް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން