ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ރަފައެލް ނަޑާލް، އޭނާގެ ކެރިއަރުގެ 20 ވަނަ ގްރޭންޑް ސްލޭމް ހޯދައި، ރޯޖާ ފެޑެރާގެ ރެކޯޑާ ހަމަކޮށްފިއެވެ.
މިރޭ ކުޅުނު ފްރެންޗް އޯޕަންގެ ފައިނަލުގައި ފަސޭހަކަމާއެކު ދުނިޔޭގެ އެއްވަނައަށް ސީޑު ކޮށްފައިވާ ނޮވަކް ޖޮކޮވިޗް ބަލިކޮށް، ދުނިޔޭގެ ދެވަނައަށް ސީޑު ކޮށްފައިވާ ނަޑާލް ވަނީ އޭނާގެ ފެންވަރު ދައްކާލައިފައެވެ. މިއީ ނަޑާލް ފްރެންޗް އޯޕަން ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އެއީ ރެކޯޑު އަދަދެކެވެ. އަދި މިދިޔަ 15 އަހަރު ތެރޭގައި ކްލޭގައި ކުޅުނު 100 މެޗުގައި ނަޑާލް ބަލިވެފައިވަނީ އެންމެ ދެ ފަހަރެވެ. އެއީ ހައިރާން ކުރުވަނިވި ތަފާސްހިސާބުތަކެކެވެ.
ފްރެންޗް އޯޕަން، ރޮލެންޑް ގަރޮސް ތައްޓާއެކު ނަޑާލް ޖުމްލަ 20 ގްރޭންޑް ސްލޭމް ހަމަކޮށްފައިވާ އިރު، އެ އަދަދަކީ ލެޖެންޑަރީ ކުޅުންތެރިޔާ ރޯޖާ ފެޑެރާ ވެސް ކެރިއަރުގައި ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ އަދެދެވެ. ލިސްޓުގެ ތިންވަނައިގައި ޖޮކޮވިޗް އޮތީ 17 ތައްޓާއެކުއެވެ.
މިރޭގެ މެޗަށް ނުކުތްއިރު އުމުރުން 34 އަހަރުގެ ނަޑާލްއަށް އެންމެ ބޮޑަށް ކުރިމަތި ކުރުވާފައިވާ ސުވާލަކީ އުމުރުގެ ސުވާލެވެ. އަނިޔާގެ ބައެއް މައްސަލަތަކާވެސް ކުރިމަތިވި ނަޑާލްގެ އުމުރާ ގުޅިގެން އޭނާގެ ކުޅުން ދަށްވެފައިވާ ކަމަށް ދައްކާ ވާހަކައަށް މިރޭ ރައްދު ދިނީ ފުރިހަމަ މެޗަކުންނެވެ. ނަޑާލްގެ ފަރާތުން މިރޭގެ މެޗުގައި ފެނިފައިވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ.
މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-0، 6-2 އަދި 7-5 އިންނެވެ. މިއީ އުމުރުން 33 އަހަރު ޖޮކޮވިޗަށް މިއަހަރު ތެރޭގައި ތިން ސެޓުގެ ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ ސެޓުގައި ނަޑާލްގެ ތަފާތާއެކު ޖޮކޮވިޗް މެޗުގެ ބާކީ ބައިގައި ފެނުނީ އުންމީދު ގެއްލިފައިވާ ތަނެވެ. ތިންވަނަ ސެޓުގައި ޖޮކޮވިޗަށް ދެ ފަހަރަކު އުންމީދީ ބްރޭކެއް ލިބުނު ނަމަވެސް، ނަޑާލް ވަނީ އެ ސެޓުވެސް އަނބުރާލައިފައެވެ.
މެޗަށްފަހު ނަޑާލް ބުނީ މިއީ އޭނާއަށް އުނދަގޫ އަހަރެއް ކަމަށާއި މިއަދުގެ މޮޅު ހާއްސަ ވަނީ ކޮންމެހެން ފެޑެރާގެ ރެކޯޑާ އެއްވަރު ކުރެވުމުން ނޫން ކަމަށެވެ. ފްރެންޗް އޯޕަން ތައްޓަކީ ނަޑާލްއަށް އަބަދުވެސް އެންމެ މުހިއްމު އެއް މުބާރާތް ކަމަށާއި އެ މުބާރާތް ކުޅޭ ރޮލެންޑް ގްރޮސްގެ ކޯޓަކީ އަބަދުވެސް ހާއްސަ ގުޅުމެއް އޮންނަ ކޯޓެއް ކަމަށް އޭނާ ބުންޏެވެ.
ރަފައެލް ނަޑާލް
ރަފައެލް ނަޑާލް
ރަފައެލް ނަޑާލް
ރަފައެލް ނަޑާލް