ރާއްޖެ ހިފިދާނެ ކަމަށް ސަރުކާރުން ބުނުމުން ދޭހަވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ޔަގީން ކަމެއް ނެތްކަން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންނަމަ އަދި އެގައުުމުގެ ދަށުގައި އޮތް ތަނަކަށް ހަދަން ބޭނުންނަމަ އެކަން މިހާރު އޮންނާނީ ކޮށްފައި ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމުން އެކަމަށް ރައްދު ދެއްްވައި މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖިއްޔާމު އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދެން މިހެން ދަންނަވާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެ ތިމަންނަމެންގެ ސިފައިން މަަސައްކަތް ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފަ ވެސް އެމީހުން ބޭނުންވެއްޖިއްޔާ ކުރާނެ" ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އާދަމް ޝަރީފު ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަމަށް ރާއްޖެ ނުހިފޭނެ ކަމަށެވެ.

"ރާއްޖެ ހިފިދާނެ ކަމަށް ސަރުކާރުން ބުނުމުން ދޭހަވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށާއި އެ މީހުން ރާއްޖެއިން ބޭލުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ. "އިންޑިއާ އައުޓް" ނަމުގައި ހިންގާ އެ ހަރަކާތް ފުޅާވަމުން އަންނަ އިރު، ސަރުކާރުން ދަނީ އެކަމުގެ ދިފާއުގައި ވާހަކަދައްކަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ ހިނގާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.