އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރިޔަސް ސިޔާސީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އޭނާއަކީ ކުރިން ސިޔާސީ ކަންކަމުގައި މާބޮޑަށް ހަރަކާތެރިވެ އުޅުނު މީހެއް ނޫން ކަމަށާއި އެކަމުގެ ތެރޭގައި އުޅުމަށް ކުރިން އެއްވެސް ވަރަކަށް ވިސްނާފައި ނުވާ ކަމަށެވެ. ނަމަވެސް އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް އޭނާ ހަރަކާތްތެރިވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިދެކޭ ދިވެހި ރާއްޖެއަށް ދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އަޅުގަނޑު ހަމަ ސިޔާސީ މަސްރަހުގައި ދެމިހުންނާނަން އަޅުގަނޑު ދުނިޔޭގައި ހުރި ކަމަށްވަންޏާ. އަޅުގަނޑުގެ ސިއްހަތާ ކަންކަން ތަންދޭ ކަމަށް ވަންޏާމު،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭނާ މަގާމުން ދުރުކުރުމުގެ ބާރު ލިބިގެންވަނީ މަޖިލީހަށް އެކަނި ނޫން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އޭނާ މަގާމުން ދުރުކުރެއްވޭނެ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިޝާރާތެއް ކުރެއްވިނަމަ އަމިއްލައަށް އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މި ގައުމު ގެންދަން ބޭނުންވާ ހިސާބަށް ގެންދަން ފާޑުކިއުމާއި އެހީތެރިވުމުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އޭނާގެ ޕާޓީ ކަމަށާއި އޭނާ ގަބޫލުކުރައްވާ ހަމަތަކާއި ޑިމޮކްރެޓިކް އަދި އަދުލުވެރިކަމާއި އިންސާފުވެރި ގޮތަކަށް ވަކާލާތު ކުރާހާ ދުވަހު އެޕާޓީގައި ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ އަނިޔާވެރި ޕާޓީއަކަށްވާ ދުވަހަކުން އެޕާޓީއާ ދެކޮޅަށް އޭނާ ނުކުންނަވާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑަކީ ވަކި ނަމަކަށް ވަކި މީހެއްގެ ފަހަތުގައި ކޮންމެހެން ލޯ މަރާލައިގެން ހުންނާނެ މީހެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ކަންކަމުގެ ފަހަތުގައި އަޅުގަނޑު ހުންނާނީ،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު، އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރައްވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެވާހަކަތައް އަޑު އިވިވަޑައިގަތީ މީޑިއާތަކުން ކަމަށެވެ. އަދި އޭނާ "ބްރޯ" ހެދިގެން އުޅުއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ސަބަބެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ ވާހަކަތައް މާބޮޑަށް ދައްކަވަން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު ވެރިކަމުގައި ތިބީ އިސްލާހަށް މަސައްކަތް ކުރެއްވި ބައެއްކަން ފާހަގަކުރައްވައި ފައްޔާޒު އިތުރަށް ވިދާޅުވީ، އޭނާއަށް މިނިސްޓަރުގެ މަގާމު މުހިންމު ނޫން ކަމަށާއި އެމަގާމަށް ވަޑައިގަތީ އިސްލާހީ މަސައްކަތުގައި ރައީސް ސޯލިހުގެ ވެރިކަމުގައި ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ދެއްވަން އެދިވަޑައިގަތުމުން ކަމަށެވެ.
އެގޮތުން ގައުމަށް ބޮޑެތި ބަދަލުތައް ގެންނަން ލިބިފައިވަނީ ކުރު މުއްދަތެއް ކަމަށާއި މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ގައުމު ހިންގުމާއި ގާނޫނުތަކާއި އިންފްރާސްޓްރަކްޗަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މިނިވަންކަން މިއަދު އޮތުމުން މި ސަރުކާރަށް ނުވާ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާއި އަދި ރައްޔިތުންނަށް ކަންބޮޑުވާ ކޮންމެ ކަމެއްގައި ޕްރެޝަރު އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑަށް އޮތް ޔަގީންކަމަކީ ރައީސް ނަޝީދަކީ މި އިސްލާހީ ހަރަކާތްތަކުގެ ބާނީ، މިގެނައި ބަދަލު އެންމެ ރަނގަޅަށް ތަންފީޒު ކުރައްވަމުން ގެންދަވާ އެއް ބޭފުޅެއް އެއީ. އެހެންވީމާ ރައީސް ނަޝީދާ ހިސާބަށް އެކަހަލަ ކަންބޮޑުވުންތަކެއް މިސާލަކަށް އަޅުގަނޑަށް ވުރެން އަދި މާބޮޑަށް ގާތްގުޅުމެއް އާންމު ރައްޔިތުންނާ އޮންނާނެ ރައީސް ނަޝީދާ. އެހެންކަމަށް ވަންޏާ އެކިއެކި ކަހަލަ ވާހަކަ ހުރެދާނެ. އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ އެކަހަލަ ވާހަކައެއް އައިސްފިއްޔާމު ރައީސް ނަޝީދު އެކަމެއް ބައްލަވާނެއޭ، އެކަމަކު ޔަގީންކަން އަޅުގަނޑަށް އޮތީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު