ކޮވިޑް 19 އާ ގުޅިގެން، ދައުލަތުގެ ބަޖެޓުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މިނިިވަން ބައެއް މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ.

ބުރާސްފަތި ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެކަން ސުޕްރީމް ކޯޓުން ވަނީ ހަލީމަށް އަންގަވައިފައެވެ.

ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމާ އެއްގޮތަށް، ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން، މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަތައް ތިންމަހުގެ މުއްދަތަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެއިމަހުުގެ ތެރޭގަ އެވެ.

މިކަމާ ގުޅިގެން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަ ނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އަދި މުސާރަ އާއި އިނާޔަތްތައް ހަމައެކަނި ގާނޫނެއްގައި ބަޔާން ކޮށްފައި ވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށާއި އެހެން ވެ، އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލާއި އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މަގާމުތަކާ ގުޅޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް ހަލީމު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ، ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ބަޔާން ކުރުމުން އެއީ ބަރީއަވުމެއް ނެތް އިލްތިޒާމެއް ކަމަށް ބަލަން ޖެހޭ ކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބަޔާން ކޮޮށްފައިވާތީ އެ މަގާމުތަކުގެ މުސާރަތައް ކުޑަކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ހަލީމް އެދިވަޑައިގެންފައިވަނި، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިިލިސް މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ.

އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި އެދިވަޑައިގެންފައި ވެއެވެ.

ހަލީމް މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކޮށްފައި ވަނީ 10 ޖޫން ގައެވެ.

ރައީސުލްޖުމްހޫރއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރުފިޔާ އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000 ރުފިޔާ އެވެ. އެކަމަކު އެ ގާނޫނު އިސްލާހު ކުރުމެއް ނެތި ތިންމަސް ދުވަހުގެ މުސާރަ މަޖިލީހުން ކަނޑައަޅާފައި ވަނީ ރައީސްގެ މުސާރަ 65،000 ރުފިޔާއަށް، ނައިބު ރައީސްގެ މުސާރަ 48،000 ރުފިޔާއަށް ކުޑަކޮށްފައެވެ.