ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕްގައި ކުޅުނު މެޗުތަކުން ސްޕެއިންއާއި ޖަރުމަނު މޮޅުވެއްޖެއެވެ.
ސްޕެއިންއިން އަމިއްލަ ގައުމުގައި ރޭ ސްވިޒަލޭންޑް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ޖަރުމަނުން ޔޫކުރެއިންގެ ކިއޭވްގައި އެގައުމު އަތުން މޮޅުވީ 2-1ގެ ހަނި ނަތީޖާއަކުންނެވެ.
ރޭގެ މެޗުން މޮޅުވެ ނޭޝަންސް ލީގުގެ ގްރޫޕް ހަތަރެއްގައި ކުޅުނު ތިން މެޗުން ސްޕެއިންއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ޖަރުމަނަށް ލިބިފައި ވަނީ ތިން މެޗުން ފަސް ޕޮއިންޓެވެ. ރޭގެ މެޗަކީ ޖަރުމަނުން މޮޅުވި ފުރަތަމަ މެޗެވެ. މި ހަފްތާގެ އިންޓަނޭޝަނަލް ބްރޭކްގައި ޖަރުމަނުން ދެން ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ސްޕެއިން އިން ކިއޭވްގައި ކުޅޭނީ ޔުކުރެއިން އާ ދެކޮޅަށެވެ.
ސްޕެއިން އިން ރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ރެއާލް ސޮސިއެދާދަށް ކުޅެމުން އަންނަ ފޯވަޑް މިކެލް ޔަރްޒަބަލްއެވެ. ރޭގެ މެޗަކީ އޭނާ ސްޕެއިން ގައުމީ ޓީމަށް ކުޅުނު ހަތްވަނަ މެޗެވެ. ސްޕެއިން ކޯޗު ލުއިސް އެންރީކޭ ރޭގެ މެޗަށް ނެރެފައިވާ ފުރަތަމަ 11 ގައި 22 އަހަރުގެ ޑެނިއަލް އޮލްމޯގެ އިތުރުން 24 އަހަރުގެ މިކެލް މޮރީނޯއާއި 17 އަހަރުގެ ބާސާ ތަރި އަންސޫ ފަޓީވެސް ހިމަނާފައި ވެއެވެ. ގޯލް ބަލަހައްޓާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ.
ސްޕެއިން އިން ޖެހި ހަމައެކަނި ގޯލް، 14 ވަނަ މިނެޓުގައި ޔަރްޒަބަލް ޖެހީ ސްވިޒަލޭންޑްގެ ގޯލްކީޕަރު ޔާން ސޮމާއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. ރޭގެ މެޗުގެ ދެވަނަ ހާފްގައި ސްޕެއިންއިން ވަނީ އަޑަމާ ޓްރެއޯރޭ ކުޅެން ނެރެފައެވެ. އެއީ އޭނާ ސްޕެއިންގެ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ ވާދަވެރި ކަމުގެ މެޗެވެ.
ޖަރުމަނުން ޔުކުރެއިންއާ ދެކޮޅަށް ނުކުތް މެޗުން ޖަރުމަނު ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ކޯޗު އަންދްރޭ ސެވްޗެންކޯއާއެކު ޔުކުރެއިން ވަނީ ތަފާތު ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ރޭގެ މެޗަކީ މިއަހަރުގެ ނޭޝަންސް ލީގުގައި ޖަރުމަނުން ހޯދި ފުރަތަމަ މޮޅެވެ.
ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމަށް ގާތްގަނޑަކަށް 20،000 ސަޕޯޓަރުން ރޭގެ މެޗަށް ވައްދާފައި ވެއެވެ. މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ޖަރުމަނަށް ލީޑު ނަގައިދިނީ މެތިއަސް ގިންޓާއެވެ. އޭނާ ޖެހި ގޯލް ތަނަވަސްކޮށްދިނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ. ދެވަނަ ހާފުގައި ޔުކުރެއިންގެ ގޯލްކީޕަރު ޖާޖީ ބުޝްޗަން ހެދި ގޯހަކުން ފަހިވި ފުރުސަތުގައި ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ލެއޮން ގޮރެޓްޒްކާ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު