ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތައް އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުކޮށްދޭން ޖެހޭ ކަމަށް ރައީސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނަފްސާނީ ދުވަހުގެ މުނާސަބާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އޮންލައިންކޮށް މިރޭ ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ޖިސްމާނީ ދުޅަހެޔޮކަން ބިނާވެގެންވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އަދި ނަފްސާނީ ބަލިތަކުން އަރައިގަތުމުގެ ރާސްތާ ފެށެނީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ އަޅައިލުމާއި އެހީތެރިކަމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"އެހެން ބަލިތަކަކޭވެސް އެއްފަދައިން ނަފްސާނީ ބަލިތަކުން އަރައިގަތުމުގެ ރާސްތާ ފެށެނީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ އަޅައިލުމާއި އެހީތެރިކަމުގެ ތެރެއިން. ވަކިން ހާއްސަކޮށް މި ބަލީގެ އަސަރުކޮށްފައިވާ ފަރާތްތަކަށް އެންމެންވެސް ވާގިވެރިވެގެން. އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން އެމީހުން ދުރުކޮށްދީގެން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ސިއްހީގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ނަފްސާނީ ހިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަކީ ގައުމީ ބަތަލުންގެ ގޮތުގައި ސިފަކުރައްވައި ރައީސް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.