ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމާއެކު ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައެއް މިނިިވަން މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ފަނޑިޔާރުންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ސުޕްރީމް ކޯޓަށް ހަލީމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށާއި ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގައިި އެކަނި ކަމަށެވެ. އެހެންވެ، އެ ގާނޫނު އިސްލާހު ކުރުމެއްނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދޭ ކަމަށް ހަލީމް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލައިގައި އެދިފައިވެއެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރައަކީ އެކަމަށް ހާއްސަ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކެއް ކަމަށްވާ އިރު، އެ ގާނޫނު އިސްލާހުނުކޮށް އެ ދެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. އަދި ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. ނަމަވެސް މަޖިލީހުން ނިންމާފައިވަނީ ޖޫން މަހުން ފެށިގެން ތިން މަހު ރައީސްގެ މުސާރަ 65،000ރ. އަށް އަދި ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ކުޑަ ކުރުމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިިލީހުންނެވެ. ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅާނީ ގާނޫނަކުންނެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހަލީމް އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.