ސްރީ ލަންކާއިން ކޮވިޑުން ރައްކާތެރިވުމަށް ގަދީމީ ބޭހެއް އުފައްދައިފިއެވެ.

ލަންކާގެ އިންޑެނިއަސް މެޑިސިން ޕްރޮމޯޝަން ރޫރަލް އެންޑް އައިރުވެޑިކް ހޮސްޕިޓަލްސް ޑިވެލޮޕްމެންޓް އެންޑް ކޮމިއުނިޓީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ސިސްރާ ޖަޔާކޮޑީ ވިދާޅުވީ އެގައުމުގެ ގަދީމީ ބޭސް ބޭނުންކޮށްގެން ކޮވިޑް ޖެހިފައިވާ މީހުންނަށާއި ކޮވިޑުގެ ނުރައްކާ އޮތް ހައިރިސްކު މީހުންނަށް ބޭހެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލަންކާގެ ނޫސްތަކަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މި ބޭސް އުފެއްދުމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެގައުމުން ލިބެން ހުންނަ ފަތްޕިލާވެއްޔެވެ.

މި ބޭސް ތައާރަފުކުރުމުގެ ގޮތުން މިއަދު ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވާޑެނާއަށް ބޭސް ހަދިޔާކޮށްފައެވެ.

މިމަހުގެ 12 ވަނަ ދުވަހު އާންމުންނަށް މި ބޭސް ގަންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ސްޓޭޓް މިނިސްޓަރު ސިސްރާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ކޮވިޑާ ދެކޮޅަށް ކާމިޔާބެއް ނުހޯދި، ގައުމުތައް ނުރައްކަލަށް ވެއްޓިފައިވާ ކަމަށެވެ. އަދި ލަންކާއިން މި ތައާރަފު ކުރާ ގަދީމީ ބޭސް ބޭނުންކޮށްގެން އެހެން ގައުމުތަކުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް ކުރިއެރުމެއް ހޯދޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.