އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ވަގުތީގޮތުން މަންދުކޮލެޖް ހިންގި އިމާރާތަށް 2010 ވަނަ އަހަރު ބަދަލުކުރިއިރު، އެ ކޮލެޖްގެ މިލްކިއްޔާތުގައި ހިމެނޭ ފަރުނީޗަރުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އިހުމާލުވި މައްސަލައިގައި ބަދަލުގެ ގޮތުގައި ދިން ފައިސާގެ އިތުރުން، ޖޫރިމަނާގެ ގޮތުގައި ތިން މިލިޔަން ރުފިޔާ ނަގައިދިނުމަށް ކުރި ދައުވާގައި އެދިފައިވާގޮތަށް، އެ ފައިސާ އެޑިއުކޭޝަން މިނިސްޓްރީން ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އަރަބިއްޔާ މިހާރު ހިންގާ އިމާރާތް ހެދުމަށްޓަކައި، އެ މަދަރުސާގައި ކިޔަވަމުންދިޔަ ދަރިވަރުން ވަގުތީގޮތުން ބަދަލު ކުރީ އޭރު މަންދު ކޮލެޖު ހިންގުމަށް ދީފައި ހުރި ކުރީގެ އެމްއީއެސް ހިންގި އިމާރާތަށެވެ.

އެއިރު އަރަބިއްޔާގެ ދަރިވަރުން ބޭނުންކުރުމަށް އެ އިމާރާތުން ދޫކުރި ކްލާސްރޫމްތަކުގައި ހުރި ބައެއް ފަރުނީޗަރުތައް ރައްކާކުރާނެ ގުދަނެއް އެތަނުގައި ނެތުމުން ދެފަރާތުގެ މެދުގައި މަޝްވަރާކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބެލުމުގެ ދަށަށް، އެފަރާތުގެ ގުދަނަކަށް ފަރުނީޗަރުތައް ގެންދިއައެވެ.

އޭގެ ތެރެއިން ބައެއް ފަރުނީޗަރުތައް އަނބުރާ ރައްދުކޮށްފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އޭރު ގެންދިޔަ އެއްވެސް ފަރުނީޗަރެއް ރައްދު ކޮށްފައި ނުވާކަމަށް އެ މައްސަލަ ހުށަހެޅި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފަރުނީޗަރުގެ ބަދަލުގެ ގޮތުގައި، 451،189.00 ރުފިޔާ ހޯދުމަށާއި އެ މައްސަލައިގެ ދައުވާފޯމް ތައްޔާރުކުރި، ހައެއް ޑިސެމްބަރު 2016 ވަނަ ދުވަހާ ހަމައަށް، ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް އެ އަދަދުގެ 0.5 ޕަސެންޓަށް ވާ ތިން މިލިއަން (3،088،388.77) ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ނަގައި ދިނުމަށް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފައިވާ ވަނީ ފަރުނީޗަރުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެހެންކަމުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖޫރިމަނާގެ ފައިސާ ނަގައި ނުދޭގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ތިން މިލިޔައަން (3،088،388.77) ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ނަގައި ދިނުމަށެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، "މާލޭހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރި ސިވިލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ އެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމުގައި ޖޫރިމަނާގެ ފައިސާ ޝަރީއަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުން ބާތިލުކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި އެ ގޮތުގެ މަތިން ހުކުމް ކޮށްފިން،" ކަމަށެވެ.