އެމްއީއެސް ހިންގި އިމާރާތުގައި ހުރި މަންދު ކޮލެޖުގެ މުދާ ހިފަހައްޓާފައިވާ ކަމަށްބުނާ މައްސަލައިގެ ޝަރީއަތް ސިވިލްކޯޓުގައި ކުރިއަށްނުގެންދަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ، މާލެ ހައި އިން ހިންގަމުންގެންދިޔަ މަންދު ކޮލެޖު، ކުރީގެ އެމްއީއެސް ސްކޫލް ހިންގި އިމާރާތާއި އެތަނުގައި ހުރި މާލެ ހައިގެ އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދާ، އެ ކުންފުނީގެ ރުހުމެއްނެތި، އަދި ޝަރީއަތުގެ އަމުރެއްވެސް ނެތ،ި މޯލްޑިވްސް ޕޮލިސް ސާވިސް އިން ގަދަކަމުން އަތުލައި، ނުދީ ހިފަހައްޓާފައިވާ ކަމަށްބުނެ، އެ އިމާރާތާއި މުދާ އަނބުރާ ހޯދުމަށާއި، އެކަމުގައި ޝާމިލުވި މީހުންނާ މެދު ތަހުގީގު ހިންގައިދިނުމަށް ފުލުހުން އިންކާރުކުރާތީ، އެ ތަހުގީގު ހިންގުމަށް އަންގައިދިނުމަށް އެދި މާލެ ހައި އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ހައި އިން މި މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން، އެ ދައުވާ ރައްދުވާ ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ހިދުމަތް) އަށް 13 ޖުލައި 2023 ގައި ދައުވާއާ ބެހޭ ލިޔުންތައް ފޮނުވުމުން ހަމަ އެ ދުވަހު ދައުލަތުން ހަވާލުވިއެވެ.
އެއަށްފަހު 30 ޖުލައި 2023 ގައި ކޯޓުގެ އިހުތިސާސާ މެދު ސުވާލު އުފައްދަން ބޭނުންވާ ކަމަށްބުނެ، 13 އޮގަސްޓް 2023 ގައި ކޯޓުގެ އިހުތިސާސާ މެދު އިއުތިރާޒުކުރާ ކަމަށް ހުށަހެޅިއެވެ.
އެ އިއުތިރާޒާ މެދު 13 ސެޕްޓެމްބަރު 2023 ގައި ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން، ކޯޓުގެ އިހުތިސާސާ މެދު ސުވާލު އުފެއްދުމުގެ ގޮތުން ދައުލަތުން ހުށަހެޅި ދައުވާއާ ހަވާލުވިކަން އަންގައިދޭ ލިޔުން ބާތިލުވިއެވެ.
އެހެންކަމުން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން 14 ދުވަހުގެ ތެރޭގައި (1 އޮކްޓޯބަރު 2023) އަށް އަލުން ހުށަހަޅަން ދައުލަތަށް އެންގިއެވެ.
އޮކްޓޯބަރު އެއްވަނަ ދުވަހާއި ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖެއްސުމާ ގުޅިގެން، 14 ދުވަހުގެ މުއްދަތު ހަމަވާ ދުވަހަކީ، 3 އޮކްޓޯބަރު 2023 ގައި ކަމަށް ދަށު ކޯޓުން ނިންމުމުން، ދައުވާ ފޯމާއި ހަވާލުވިކަން އަންގާ ލިޔުމާ ހަމަ އެ ދުވަހު ދައުލަތުން ހަވާލުވެ، ދައުވާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅިއެވެ.
ނަމަވެސް އެ މުއްދަތު އިތުރުކޮށްދިންކަން ނުވަތަ ނޫންކަން، ލިޔުންތަކުންނާއި ކޯޓުގެ ނިންމުމުން ސާފެއް ނުވެއެވެ.
ނަމަވެސް 15 އޮކްޓޯބަރު 2023 ގައި ދައުލަތުން ދައުވާގެ ދިފާއު ހުށަހެޅުމުން، ކޯޓުން ޖަވާބުދީފައިވަނީ ދައުލަތަށްދިން މުއްދަތު 12 އޮކްޓޯބަރު 2023 އަށް ހަމަވެފައިވާތީ ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި މާލޭ ހައި އިން، ދެން ކުރިއަށްދާން އެދޭ ގޮތެއް 14 ދުވަހުގެ ތެރޭގައި ކޯޓަށް އެންގުމަށް އެންގިއެވެ.
މާލޭ ހައި އިން އެދުނީ ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.
އެ މައްްސަލައިގައި 4 ޑިސެމްބަރު 2023 ގައި ސިވިލް ކޯޓުން ހުކުމްކުރީ، މާލެ ހައިގެ ފަރާތުން އެދިފައިވާ ފަރުވާ ތަކަކީ ނަގައިދެވެން ނެތް ފަރުވާތަކެއް ކަމަށެވެ.
ސިވިލްކޯޓުގެ މި ހުކުމް 20 ފެބްރުއަރީ 2024 ގައި މާލޭ ހައި އިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން 16 ސެޕްޓެމްބަރު 2024 ގައި ހުކުމް ކުރީ، ގައިރު ހާޒިރުގައި ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުން މައްސަލަ ތަހުވީލުކޮށް، މި މައްސަލައިގައި ދިފާއު ހުށަހެޅި ހިސާބުން ފެށިގެން ސިވިލްކޯޓުގައި މި މައްސަލައިގެ ޝަރީއަތް ހިންގުމަށެވެ.
އެ ހުކުމާ ގުޅިގެން ސިވިލްކޯޓުން މައްސަލަ ބަލަން ފެށިއެވެ. އަދި މާލޭ ހައި އިން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ހައިކޯޓުން ދަށު ކޯޓަށް ތަހުވީލު ކުރާ މަދަނީ މައްސަލައެއް، އިސްތިއުނާފުކޮށްފި ނަމަ އެ މައްސަލައެއް ތަހުވީލު ކުރި ކޯޓުން އެ މައްްސަލައެއްގެ ޝަރީއަތް ކުރިއަށްގެންދިއުން ވަގުތީގޮތުން ހުއްޓާލަންވާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންދެން ސިވިލްކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްނުގެންދަން އަމުރުކުރާ ކަމަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް