ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތަށް ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

"ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު"ގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަދައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގެޒެޓް ކޮށްފައިވާ ގައިޑްލައިން "ލާނިން އީ ފޯ ގައިޑްލައިޑް" އަކީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ފަހިކޮށްދޭ ހައްގުތަކާއި މިނިވަންކަމާއި ކަށަވަރުކޮށްދޭ ގާނޫނުގެ ރައްކާތެރިކަން ނިގުޅައިގަންނަ ފަދައަކުން ހަދާފައިވާ ގައިޑްލައިނެއް ކަމަށް ބުނެ މާލެ ހައި ލިމިޓެޑުން ވަނީ ހަޔާ އެޑިއުކޭޝަންގެ މައްޗަށް ދައުވާކޮށްފައެވެ.

މި މައްސަލާގައި މާލެ ހައި ލިމިޓެޑުން ވަނީ، އެ ތަނުން ހިންގާ މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސްގައި ފޭސް ޓު ފޭސް ލާނިން މޮޑަލިޓީގައި ޓީޗާ ޓްރެއިން ކޯސްތަކުގައި ދަރިވަރުން އެންރޯލްކޮށް ކިޔައިވިދިނުން ކުރިއަށް ގެންދިއުމަށް ހުރަސްނޭޅުމަށާއި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ހުއްދަތައް ދެމުން ގެންދިއުމަށް އެމްކިޔުއޭގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.

މާލެ ހައި ލިމިޓެޑުން ބުނީ، މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްއަކީ "ފޭސް ޓު ފޭސް" ކިޔަވައިދިނުމާ އެއްހަމަ ކިޔަވައިދިނުމެއް ކަމަށް ބަލައިގަނެ އެމްކިޔުއޭ އިން ހުއްދަދިނުމުން އެކަމަށް ރިއާޔަތްކޮށް "ފޭސް ޓު ފޭސް" ނިޒާމު އިތުރަށް ތަރައްގީކޮށް އެ ކޮލެޖުގެ ކިޔެވުން އެ ނިޒާމަށް ބައްޓަންކޮށްފައިވަނިކޮށް އެމްކިޔުއޭ އިން ހުއްދަ ބާތިލުކުރުމުން، ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

މަންދު ކޮލެޖްގެ ދަރިވަރުންގެ 40 ޕަސެންޓަކީ ޓީޗިން ދާއިރާގެ ކޯސްތައްކަމުން، އީ-ލާނިން މޮޑަލިޓީގައި އެ ދާއިރާގެ ކޯސްތަކަށް އިތުރު ކުދިން އެންރޯލް ނުކުރެވިއްޖެ ނަމަ ކޮލެޖްގެ އެންރޯލްމަންޓް ދަށްވެ، ފީސިބިލިޓީ ގެއްލި، އަނެއް 60 ޕަސަންޓް ކުދިންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެ ކަމަށްވެސް މާލެ ހައި އިން ބުންޏެވެ.

އެ ކުންފުނިން ބުނީ، މަންދުން ކޮލެޖުން ޓީޗާ ޓްރެއިނިން ޑިގްރީ އަދި މާސްޓާސް ލެވެލްގައި ކިޔަވާ ގިނަ ދަރިވަރުންނަކީ މިހާރުވެސް ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައި ދޭ ޓީޗަރުން ކަމަށާއި އެއީ އެ މީހުންގެ ރަށް ދޫކޮށް އެހެން ރަށެއްގައި ކިޔެވޭނެ ގޮތެއް ނެތް ދަރިވަރުން ކަމުން، ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ނަމަ އެ ދަރިވަރުންގެ އުނގެނުމަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށެވެ.

ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ނަމަ އެކަމަށް ހާއްސަ ތަމްރީނުތައް ދީފައި ތިބި އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލި، އެހެން ވަޒީފާތަކަށް ދާން މަޖުބޫރުވުމުން، އަލުން ކޮލެޖް ފެށިޔަސް، އެ މުވައްޒަފުން ނެތުމުން ކޮލެޖް ހިންގަން އެތައް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް މާލެ ހައި އިން އެދުނު ކަންކަމަށް އަދި ސަބަބުތަކަށް ބަލައި ހައިކޯޓުން ނެރުނު އަމުރުގައި ބުނީ މައުލޫއީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނުނެރެފި ނަމަ، އީ-ލާނިން މޮޑަލިޓީގެ ދަށުން ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި އަދި މިހާރުވެސް ގިނަ ކުދިންނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން، ހުށަހެޅިފައިވާ މައްސަލާގައި އަމުރެއް ނުނެރެފި ނަމަ އެ މައްސަލައިގެ ފައިސަލާ ކުރަނިވި ހުކުމް އަންނައިރު އެ މައްސަލައިގެ މައުލޫގައި ހިމެނޭކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ކަމަށާއި އަދި އެ އަމުރު ނެރެނުދީފި ނަމަ ދަރިވަރުންނަށާއި މަންދު ކޮލެޖަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އަމުރުގައިވެއެވެ.

ހައިކޯޓުން އެ އަމުރު ނެރުނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުޒެއިފާ މުހައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.