މިދިޔަ އޮގަސްޓް މަހު އައްޑު އަތޮޅުގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 183 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކުރި ގްރީން ފަންޑު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޮގަސްޓް މަހު ގްރީން ފަންޑަށް 5.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 141،487 ރުފިޔާ އަކީ ލިވަބޯޑްތަކުން ލިބުނު ފައިސާ އެވެ.

އޯގަސްޓް މަހު އައްޑޫ ސިޓީގެ ޓޫރިޒަމް ފެސިލިޓީތަކުން ގްރީން ފަންޑަށް ލިބުނު 183 ރުފިޔާ އަކީ ގެސްޓްހައުސް ތަކުން ލިބުނު ފައިސާ އެވެ. ދެން އެންމެ މަދުން ގްރީން ފަންޑަށް ފައިސާ ލިބިފައިވަނީ ށ. އަތޮޅުންނެވެ. އެ އަތޮޅު ލިބިފައިވަނީ 276.48 ރުފިޔާ އެވެ.

އޮގަސްޓް މަހު ގްރީން ފަންޑަށް އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެން އެންމެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 728،643 ރުފިޔާ އެވެ. އެއީ ރ. އަތޮޅުންނެވެ.

ރިޕޯޓުގައިވާ ގޮތުން އޮގަސްޓް މަހު ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ތ. އަތޮޅާއި ލ. އަތޮޅު އަދި ގދ. އަތޮޅުން ގްރީން ފަންޑަށް އެއްވެސް ފައިސާއެއް ނުލިބެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ގްރީން ފަންޑުގައި މިހާތަނަށް ހުރީ ޖުމްލަ 907 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް މި ފަންޑުން 169 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެ މަހުގެ ނިޔަލަށް ލިބިފައިވާ ޖުމްލަ އަދަދަކީ 294 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޮކްޓޯބަރު 2016 އިން ފެށިގެން ގްރީން ޓެކްސް ނަގަމުން އަންނައިރު އެ ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.