ބިގްބޮސްގެ 6 ވަނަ ސީޒަން އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސަނާ ހާން ބުރުގާ އެޅުމަށްފަހު ފިލްމު އިންޑަސްޓްރީއާ ދުރަށް ހިނގައްޖެއެވެ.
ސަލްމާން ހާން އާއި އެކު "ޖެއި ހޯ" އިންވެސް ފެނިގެން ދިޔަ ސަނާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށާއި، މަޝްހޫރު ކަމާއި ސަޕޯޓަރުންގެ ލޯތްބާއި ގިނަ ކާމިޔާބީތަކެއްވެސް ހާސިލުވެފައިވާ ކަމަށެވެ. ސަނާ އިތުރަށް ބުނީ އޭނާ ދުނިޔެއަށް ފޮނުއްވި އަސްލު ސަބަބަކީ މަޝްހޫރު ކަމާއި މުއްސަނދި ކަން ހޯދުން އެކަނި ނޫން ކަން އޭނާއަށް ވިސްނިފައިވާ ކަމަށެވެ.
ސަނާ ބުނީ އޭނާ ދުނިޔެއަށް ފޮނުއްވި ސަބަބުތަކުގެ ތެރޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ އަޅައިލުންވެސް ހިމެނޭ ކަމަށެވެ. ކޮންމެ މީހަކުވެސް ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ ކަން ފާހަގަކުރަމުން ސަނާ ބުނީ، އޭނާ މަރުވުމުން ދެން ވާނެ ގޮތަކާ ދޭތެރޭގައި ވިސްނާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. އެގޮތުން މިހާރު އޭނާއަށް އަހަރެމެން އެންމެން ދުނިޔެއަށް ފޮނުއްވީ މަރުވުމަށްފަހު ދެން އުޅޭނެ ހަޔާތް ކާމިޔާބު ކުރުމަށް ކަން ވިސްނިފައިވާ ކަމަށެވެ.
އެގޮތުން މިހާރުން ފެށިގެން ފިލްމު ކުޅުން ހުއްޓައިލައި ފިލްމީ ދާއިރާއާ ދުރުވެ، މީހުންނަށް ހިދުމަތްކުރުމަށާއި އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރަން އޭނާ ނިންމާފައިވާ ކަމަށް ސަނާ ބުންޏެވެ. ސަނާ ވަނީ ދެން އިތުރަށް އޭނާއަށް ފިލްމީ ދާއިރާއާ ގުޅޭ އެއްވެސް މަސައްކަތެއް ހަވާލުކުރުމަށް އެއްވެސް މީހަކު އޭނާއަށް ނުގުޅުމަށްވެސް އެދިފައެވެ.
ސަނާ ބޮލީވުޑަށް ތައާރަފުވީ 2005 ވަނަ އަހަރު "ޔެހީ ހޭ ހައި ސޮސައިޓީ" މި ފިލްމުންނެވެ. މީގެ އިތުރުން ސަނާ ވަނީ ފަހުން ޓަމިލް އަދި ޓެލިނގޫ ގިނަ ފިލްމުތަކެއްވެސް ކުޅެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން