އިޓަލީގެ ހުރިހާ ހިސާބެއްގައި މާސްކު އެޅުން މަޖުބޫރު ކޮށްފިއެވެ.

ޔޫރަޕްގެ ގިނަ ހިސާބުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު އިޓަލީ އިން ވަނީ އެގައުމުގެ އާންމު ތަންތަނުގެ އިތުރުން މީހުން އެއްވާ ހުރިހާ ތަންތަނެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައެވެ.

އިޓަލީގެ ބޮޑުވަޒީރު ގުއިސެއްޕޭ ކޯންޓޭ ވަނީ އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ނިންމެވީ ގައުމު އިތުރަށް ލޮކްޑައުންކުރުމުން އިގްތިސާދީގޮތުން ލިބޭނެ ގެއްލުން ކުޑަކުރުމަށްކަމަށް ވިދާޅުވެފައެވެ.

އިޓަލީ އިން ވޭތުވެދިޔަ 24 ގަޑިއިރު ކޮވިޑް ޖެހިފައިވާ 3677 މީހުން ފެނިފައިވާއިރު އެގައުމުގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ ހަތަރު ލައްކައާ ގާތް ކޮށްފައެވެ.

އިޓަލީ އިން ކޮވިޑް ޖެހިގެން މިހާތަނަށް 36،083 މީހުން މަރުވެފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.