ހަފުތާއެއެއްގެ މައްޗަށް 350،000 ޕައުންޑުގެ މުސާރައެއްގައި އާސެނަލަށް ކުޅެމުން އަންނަ މެސުޓް އޮޒިލް ފޮނުވައިލުމުގެ މަސައްކަތް އާސެނަލުން ކުރަމުންދާ ކަމަށް ހަބަރުތައް ބުނެފިއެވެ.

އިނގިރޭސި ނޫސްތަކުން ބުނެފައިވާ ގޮތުގައި، އާސެނަލުން މިހާރު އަންނަނީ އޮޒިލްއާއެކު މަޝްވަރާތައް ކުރަމުންނެވެ. މިދިޔަ ދެ ހަފުތާ ތެރޭގައިވެސް ކޮންޓްރެކްޓް އުވައިލުމަށް އޮޒިލްއާއެކު އާސެނަލުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން އާސެނަލުން ކޮންޓްރެކްޓް އުވައިލަން ބޭނުންވަނީ ކޮންޓްރެކްޓްގައި ބާކީ އޮތް ނުވަ މަސް ދުވަހުގެ މުސާރަ ނުލިބޭނެ ގޮތަށެވެ. އެހެން ނަމަވެސް އޮޒިލް ބޭނުންވަނީ އެ ދުވަސްތަކަށްވާ 13 މިލިއަން ޕައުންޑްގެ މުސާރަވެސް ލިބޭނެ ގޮތަށް ކޮންޓްރެކްޓް އުވާލުމަށެވެ.

ގަބޫލުކުރެވޭ ގޮތުގައި ޖެނުއަރީގެ ކުރިން އޮޒިލް އާސެނަލް ދޫކޮށެއް ނުލާނެއެވެ. އެއީ މިވަގުތުގެ ހާލަތަށް ބަލާ ތަމްރީނުތަކެއް ނެތި ހުންނަން ޖެހިދާނެތީއެވެ. އެހެންނަމަވެސް ޖެނުއަރީގެ ޓްރާންސްފާ މާކެޓް ހުޅުވުމާއެކު އޮޒިލް އާސެނަލް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.

އެ ވާހަކަތައް އެންމެ ބޮޑަށް ދެކެވެން ފަށާފައިވަނީ އާސެނަލުން ޔޫރޮޕާ ލީގަށް އިއުލާންކުރި ސްކޮޑުގައި އޮޒިލް ހިމަނާފައި ނެތުމެވެ. އޭރުން ޖެނުއަރީގައި އެހެން ޓީމަކަށް ބަދަލުވެ، ޔޫރަޕްގެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު އޮޒިލްއަށް ލިބޭނެއެވެ. ގިނަ ހަބަރުތައް ބުނެފައިވާ ގޮތުގައި އާސެނަލުން ޕްރިމިއާ ލީގުގެ ސްކޮޑުގައިވެސް ދެން އޮޒިލް ނުހިމަނާނެއެވެ.

2014 ވަނަ އަހަރު ޖަރުމަނާއެކު ވޯލްޑް ކަޕްވެސް ހޯދި މިޑްފީލްޑަރު އޮޒިލްއަކީ އާސެނަލަށް މުހިއްމު މެޗުތަކެއް ކުޅެދީ، އެ ކްލަބުގައި ވިދާލި ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ޓީމުގައި އޭނާގެ ބޭނުން ނުހިފި، ގިނަ މެޗުތަކުގައި ބެންޗު ކޮށްފައިވަނީ ގައުމީ ޓީމުގައިވެސް ދިމާވި މައްސަލަތަކަކާއެކު މީޑިއާގެ ޕްރެޝަރު އޮޒިލްއަށް ބޮޑުވެގެން ދިޔަ ދުވަސްވަރެއްގައެވެ.

އޮޒިލްގެ އުފަން ގައުމު ތުރުކީގެ ރައީސާއެކު އޮޒިލް ނެގި ފޮޓޯއެއްގެ ސަބަބުން ޖަރުމަނުގެ ފުޓުބޯޅަ ފެޑަރޭޝަނާއި އޮޒިލްއާ ޖެހުނު މައްސަލައެއްގައި އޭނާ ސްކޮޑުން ބޭރުކޮށް އަދަބުވެސް ދީފައިވެއެވެ. އެ މައްސަލަތަކުގައި އޮޒިލް ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، އާސެނަލްގެ މެނޭޖުމަންޓާއި އޮޒިލްއާ ގުޅުން ގޯސްކަން ހާމަވެފައިވެއެވެ.

އާސެނަލުން ކޮވިޑް 19 އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ޕްލޭންގެ ދަށުން ކްލަބުގެ މެސްކޮޓްގެ ވަޒީފާ އުވައިލަން ނިންމުމާއެކު، 27 އަހަރު ކްލަބަށް ހިދުމަތްކޮށްދިން މެސްކޮޓްގެ މުސާރައިގައި ހިފައި، ކްލަބުގައި މެސްކޮޓް ބަހައްޓައިދިނީވެސް އޮޒިލްއެވެ. އެކަމުން ސަޕޯޓަރުންގެ ތައުރީފު އަމާޒުވެފައިވީ ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ އޮޒިލް މެނޭޖުމަންޓަށް ދިން ހަމާލާއެކެވެ.