ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ބާތިލު ދައުވާތަކެއް ކަމަށް ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ހިންގެވުމާ ހަވާލުވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅައިފައެވެ.
އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމުން މިއަދު ކަށަވަރުވެގެންދިޔަ ކަމަކީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކީ ބާތިލު އަދި ސިޔާސީ ދައުވާތަކެއްކަން ކަމަށެވެ. އަދި އެއީ ނުހައްގުން ރައީސް ޔާމީނަށް އަނިޔާ ދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މީގައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އެނގިގެން މިދިޔައީ މި ސަރުކާރުން ރައީސް ޔާމީނަށް ކުރަމުންގެންދާ އަނިޔާ. މިއަދު ސުޕްރީމް ކޯޓުގެ ނިންމުމުން ކަށަވަރުވެގެން ދިޔަ ކަމަކީ ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރުން ކޮށްފައިވާ ހުރިހާ ދައުވާތަކަކީ ބާތިލު ދައުވާތަކެއްކަން، ސިޔާސީ ދައުވާތަކެއްކަން، ނުހައްގުން ރައީސް ޔާމީނަށް އަނިޔާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ނިމުމަކަށް ގެނެސް އެމަނިކުފާނު ވަގުތުން މިިނިވަން ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ.
ރައީސް ޔާމީނަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ މިއަދު ރާއްޖެ ދެކެމުން މިދާ ތަރައްގީގެ ބާނީ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނު ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދާކަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށާއި އެހެންކަމުން މިއަދު ގައުމު މިއޮތް ހާލަތުން ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ފަރާތަކީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު