ފަނަރަ މިނެޓު ތެރޭގައި ކޮވިޑުގެ ނަތީޖާ ލިބޭ ގޮތަށް އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރު ކުރި "ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑު" ނުވަތަ ރެޕިޑް އެންޓިޖެން ޓެސްޓު ހަދަންވާނީ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގައި އަމަލު ކުރާނެ އުސޫލެއް އެޗްޕީއޭއިން ވަނީ އެކުލަވާލައި މިއަދު އާންމުކޮށްފައެވެ. އެ އުސޫލުގައި ވަނީ މި ޓެސްޓު ކުރަންވާނީ ކޮވިޑް ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޮވިޑްގެ އަލާމާތްތައް ފެންނަ ބަލި މީހުންގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކަމަށާއި އެއީ ވައިރަސް އެންމެ ގިނައިން ހުންނަ ދުވަސްވަރު ކަމަށެވެ.

"މިފަދަ ހާލަތުގައި ޓެސްޓުކޮށް ނަތީޖާ ފައްސިވެއްޖެނަމަ، މިއީ ރަނގަޅު ނަތީޖާ ކަމުގައި ބަލައި ކޮވިޑަށް ފަރުވާ ކުރުމާއި ފައްސިވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެ. ނަމަވެސް ޓެސްޓުކުރެވުނީ ބަލީގެ އަލާމާތްތައް ފެނުނުތާ ފަސްދުވަސް ފަހުން ނަމަ، އަދި ނަތީޖާ ނައްސި ކަމުގައި ވާނަމަ، ޕީސީއާރު ޓެސްޓުހަދައި ނަތީޖާ ކަށަވަރުކުރަންވާނެ." އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި ޓެސްޓު ކުރަންވާނީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި، ތަމްރީނުވެފައިވާ ސިއްހީ ހިދުމަތްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އަދި ރެޕިޑް އެންޓިޖެން އިން ޓެސްޓުކުރެވޭ މީހުންގެ މައުލޫމާތާއި ޓެސްޓުގެ ނަތީޖާ އެ އޭޖެންސީއަށް ރިޕޯޓުކުރަންވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.

ރެޕިޑް އެންޓިޖެން ޓެސްޓު ކިޓްގެ ސެންސިޓިވިޓީ 90 ޕަސެންޓަށްވުރެ މަތިވާން ޖެހޭނެ ކަމަށާއި ސްޕެސިފިޓީ 97 ޕަސެންޓަށްވުރެ މަތިވާންޖެހޭނެ ކަމަށެވެ. އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމަނާފައިވާ ކިޓަކަށް ވާން ޖެހޭނެ ކަމަށާއި އެމެރިކާގެ އެފްޑީއޭއިން އެޕްރޫވްކޮށްފައިވާ ޓެސްޓަކަށް ވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި، މި ޓެސްޓު ބޭނުންކުރަން ވާނީ އެތަނެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަށް އަންނަ ކޮވިޑްގެ އަލާމާތްތައް ފެންނަ ބަލިމީހުން ޓެސްޓު ކުރުމަށް އެކަނި ކަމަށެވެ. އަދި ސިއްހީ ހިދުމަތްދޭ ތަނަކީ ރެޕިޑް އެންޓިޖެން ޓެސްޓް ހަދަން ހެލްތު މިނިސްޓްރީން ހުއްދަ ލިބިފައިވާ ތަނަކަށްވާނަމަ، މި ޓެސްޓު ބޭނުންކޮށްގެން ޓެސްޓު ހެދުމަށް އިތުރު ހުއްދައެއް ބޭނުން ނުވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.

"ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި (ކްރޫޒް ޝިޕް، ޖަލު، މީހުން ބަލަހައްޓާ މަރުކަޒު، ފެކްޓަރީ) ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައިވާނަމަ އަދި މުޖުތަމައުގައި ބަލި ފެތުރެމުންދާ ހާލަތުގައި މުހިންމު ބައެއް ފަރާތްތަކުގެ މެދުގައި (ސިއްހީ ހިދުމަތްތެރިން، އެހެން އާންމު ހިދުމަތްތަކުގައި އުޅޭ ފަރާތްތައް) ބަލި ފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ހާލަތުގައި މި ޓެސްޓު ބޭނުންކުރެވޭނެ. މިފަދަ ހާލަތްތަކުގައި މި ޓެސްޓު ބޭނުންކޮށްގެން ޓެސްޓުކުރުމުގެ ކަންތައްތައް ހަމަޖައްސާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން،" އެޗްޕީއޭގެ އުސޫލުގައިވެއެވެ.

  • ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށް
  • ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ހާލަތުގައި ބަލި ދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި
  • ޓެސްޓުކުރާ ތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓްރޯލު ފިޔަވަޅުތައް ނެތްނަމަ
  • މީހުން އެތެރެވާ ބަދަރުތަކުގައި ބޯޑަރ ސްކްރީނިންގެ ބޭނުމުގައި
  • ލޭ ހަދިޔާކުރުމުގެ ކުރިން ބައްޔަށް ސްކްރީންކުރުމުގެ ބޭނުމުގައި

ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒަކަށް ހުންނަ އޭޖީ ކާޑު ބޭނުންކޮށްގެން 15 މިނެޓު ތެރޭގައި ކޮވިޑް ޖެހިފައިވާކަން ނުވަތަ ނޫންކަން އެނގިގެންދާއިރު މި ޓެސްޓް ކިޓް އެމެރިކާ އާއި ޔޫރަޕުން މިހާރު ވެސް އަންނަނީ ބޭނުންކުރަމުންނެވެ.