ޚަބަރު

މަހާޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކޮށްފި

އަލީ އަފާފް ރަމީޒު

އެމްޓީސީސީގެ އަތުގައި އޮތް ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓް، މަހާޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކޮށްފިއެވެ.

ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަހާޖައްރާފު ރާއްޖެ ގެނެސްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މަހާޖައްރާފަކީ މި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު ޑްރެޖާއެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ބޯޓް، މަހާޖައްރާފުގައި މަސައްކަތް ކުރާ ހުރިހާ ފަޅުވެރިންނަކީވެސް ދިވެހިން ކަމަށެވެ. މިއީ މުޅި ކުންފުންޏަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ރާއްޖެ ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެގޮތުން މަހާޖައްރާފުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީ ދިވެހިންނަށް ބަދަލުކުރުން ކަމަށާއި އެކަން މިއަދު ހާސިލުވެގެން ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި މި ބަދަލާއެކު އެމްޓީސީސީގެ ޕޭރޯލަށް 6.5 މިލިއަން ރުފިޔާ ފައިދާވާނެ ކަމަށާއި އެ ފައިސާ ކުރިން ހަރަދުވެގެންދިޔައީ ބޭރުގެ ކުރޫއިންނަށް ކަމަށެވެ. ނަމަވެސް މިހާރު ތިބި ދިވެހިންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންވެސް ކުރިން މަހާޖައްރާފްގައި ތިބި ޔޫރަޕުގެ މީހުންނާ އެއް ފެންވަރުގެ ދިވެހިންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުރިން މަސައްކަތް ކުރަމުން ދިޔައީ 13 މުވައްޒަފުން ކަމަށާއި ކުރިން މަހާޖައްރާފުގައި މަސައްކަތް ކުރަމުން ދިޔައީ ގިނައިން ބިދޭސީން ކަމަށެވެ. މިހާރު އެ ބޯޓުގައި 17 ދިވެހިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިއަދު އެމްޓީސީސީން ސާބިތުކޮށްދެނީ ދިވެހިންގެ ތެރޭގައި ވަރަށްވެސް ގާބިލު ބޭފުޅުން ތިބިކަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ކިޔަވައިގެން ތިބި ޒުވާނުންނަށް މަހާޖައްރާފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މަހާޖައްރާފުގެ ދިގު މިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެއެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އިރު، ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.