ފުވައްމުލަކު ސިޓީ ރިންގް ރޯޑު ހެދުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްގެންދަނީ ޕޭވްމަންޓުގައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތެވެ. އަދި މިހާތަނަށް މި މަސައްކަތުގެ 41 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ފެންހިންދާ ނިޒާމަކާއެކު 20،650 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި 144 ލެޑް މަގުބައްތި ހަރުކުރުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުގެ މަސައްކަތުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 32.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.