ގައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިހާރު ހަފުތާއަކު ތިން ދުވަހު ރާއްޖެއިން ޑާކާއަށް ސީދާ ދަތުރު އޮންނާނެ ކަމަށާއި އެގޮތުން ކޮންމެ ހަފުތާއެއްގެ އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން މޯލްޑިވިއަނުން ޑާކާއަށް ސީދާ ފްލައިޓް ބާއްވަމުން ގެންދިޔައީ ހަފުތާއަކު އެއް ދުވަހުއެވެ.

މޯލްޑިވިއަނުން ބުނީ، ފުރާ މީހުން ޗެކިން ވުމުގެ 72 ގަޑިއިރު ކުރިން ކޮވިޑުގެ ޕީސީއާރު ޓެސްޓުކޮށް އޭގެ ނަތީޖާ ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއިން ފުރާ ފަރާތްތައް ފުރުމުގެ ކުރިންނާއި ޑާކާއިން އެނބުރި އަންނަ ފަރާތްތަކުން 24 ގަޑިއިރު ތެރޭ އިމިގްރޭޝަންގެ "އިމުގަ" ވެބްސައިޓު، imuga.immigration.gov.mv ގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

މޯލްޑިވިއަނުން ޑާކާއަށް ކުރާ ދަތުރުތަކުގައި އެއްކޮޅު ޓިކެޓުގެ އަގު 433 ޑޮލަރަށް އުޅޭ އިރު، ކޮންމެ ފަސިންޖަރަކަށް ވެސް އުފުލޭނީ 30 ކިލޯގެ ލަގެޖެވެ.