ރިޕޯޓް

ޓެލެގްރާމް ގުރޫޕުތަކުގައި މީހުންގެ އަބުރު ކަތިލުމުގައި ދިވެހީން އަވަދި ނެތި

އީމާ މުހައްމަދު ވަހީދު

2

އަހަރެންނަށް އަހަރެންގެ އަބުރާއި އިއްޒަތް ވަރަށް މުހިންމެވެ. ހަމަ އެފަދައިން ތިބާއަށްވެސް ތިބާގެ އަބުރު ވަރަށް މުހިންމު ވާނެއެވެ. ތިބާއަށް ތިބާގެ އަބުރާއި އިއްޒަތް މުހިންމުވާ ބީދައިން ދެން ތިބި މީހުންނަށް ވެސް އެމީހުންގެ އަބުރު ވަރަށް މުހިންމު ވާނެއެވެ.

އެކަކު އަނެކެއްގެ އަބުރާއި އިއްޒަތާ ބެހި، މީހުން ބަދުނާމު ކުރުމަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް ހަރުލާފައި ހުންނަ ނުރަނގަޅު ސިފައެކެވެ. އެއީ ގައުމުގެ އިޖުތިމާއީ ފޭރާމުގައި އޮތް ބޮޑު ބާގަނޑެއްވެސް މެއެވެ. މިފަހަކަށް އައިސް މީހުންގެ އަބުރު ކަތިލުމަށް ބަޔަކު މިވަނީ އާ ކަމެއް ފަށައިފައެވެ. އެއީ ޓެލެގްރާމުގައި ފާޑުފާޑުގެ ގުރޫޕްތައް ހަދައިގެން، އެތަނަށް މީހުންގެ އޮރިޔާން ފޮޓޯއާއި އަބުރު ގެއްލޭ ފަދަ ވީޑިއޯތައް އެޅުމެވެ. ދެބައިކުޅަ އެއްބައި ދިވެހި ޒުވާނުން ހިމެނޭ ގޮތަށް ހުރިހާ އުމުރު ފުރައެއްގެ މީހުން ތިބި އެ ގްރޫޕްތަކުގައި ދަނީ އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އެތައް މުއާމަލާތްތަކެއް ކުރަމުންނެވެ.

މީހުންގެ އަބުރާއި އިއްޒަތް ނަގައިލާ އެފަދަ ޓެލެގްރާމު ގުރޫޕްތަކަށް މީހުންގެ އޮރިޔާން ފޮޓޯ އަދި އައުރަ ނިވާ ނުވާ ވަރުގެ ފާޅުކަން ބޮޑު ފޮޓޯތައް އެޅުމަކީ މިހާރު ދިވެހިންނަށް ޓްރެންޑެކެވެ. އެއީ ގޯސް ކަމަކަށް ވިޔަސް ހެވެވެ. ޓްރެންޑެއް އާއްމު ވަންޏާ ދިވެހިން އެކަން ކުރަން ޖެހޭ ކަހަލަ އެވެ. އެހެން ނޫނީ ހީވަނީ ދެފަޔަށް ހިނި އަރައިގެން އުޅޭ ހެންނެވެ. މުނިފޫހިފިލުވައިލުމަށް އަހަރެމެން މި ވެއްޔާ މޮޑެލަނީ ބައެއްގެ އަބުރެވެ. ގެއްލިގެން އެދަނީ އެތައް ބައެއް މުޅި ދިރިއުޅުމެވެ. އެކަމެއް ކުރާ މީހުންނަށް އެކަން ވަނީ ވަރަށް ކޫލް ނުވަތަ މޮޅު ކަމަކަށެވެ. އެފަދަ ޓެލެގްރާމު ގުރޫޕުތަކުގައި ހާހުން ގުނޭ ވަރަށް މީހުން އެބަ ތިއްބެވެ. މައުލޫމާތު ލިބޭ ގޮތުގައި އެފަދަ ބައެއް ގުރޫޕު ތަކުގައި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރާން ޖެހޭ މުއައްސަސާތަކަށް ނިސްބަތްވާ މީހުންވެސް ތިބެ އެވެ.

ވިސްނައިލަމާ ހިނގާށެވެ. މިއަދު ތި ޓެލެގްރާމު ގުރޫޕްތަކަށް ތި އަޅަނީ ހަމަ ކޮންމެވެސް މީހެއްގެ ދަރިއެއްގެ ފޮޓޯއެވެ. މާމޮޅު ކަމެކޭ ހިތަށް އަރުވައިގެން ތި ލީކް ކޮށްލަނީ ހަމަ ކޮންމެވެސް މީހެއް ކޮއްކޮއެއް ނުވަތަ ދައްތައެއް ނުވަތަ ބޭބެއެއްގެ އޮރިޔާން ފޮޓޯއެވެ. ތިބާގެ އާއިލާގައިވެސް އަންހެން ކޮއްކޮއިންނާއި ފިރެހެން ކޮއްކޮމެން ތިބޭނެއެވެ. ދައްތައާއި ބޭބެ މެން ތިބޭނެއެވެ. ތިބާ ތި ފޭހުނު އިލޮށި ގަނޑު ތިބާގެ ލޮލަށް ހެރޭނީ މާދަމާ ނޫން ކަމެއް ނޭނގެއެވެ. ތިބާގެ ގާތް މީހެއްގެ އަބުރު އެފަދައިން ގްރޫޕެއް ތެރޭގައި ކަތިލުމުން ހަމަ ޔަގީނުންވެސް މައިތިރިވެގެން ނުތިބެވޭނެއެވެ. ޓެލްގްރާމުގައި އަންހެން ކުއްޖެއް އޮރިޔާން ވީޑިއޯއެއް ލީކްކޮށްލުމުން މާ މޮޅު ކަމަކަށް ހަދައިގެން މަޖާވެފައި އެ ވީޑިއޯ ތިބާގެ އެކުވެރިންނަށް ފޮނުވައި ހަދާއިރު ތިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން އެނގޭ ހެއްޔެވެ؟ މީހަކު ތިބާގެ ކޮއްކޮގެ ނުވަތަ ދައްތައެއްގެ އެފަދަ ވީޑިއޯއެއް ލީކް ކޮށްލައިފިނަމަ، އެ ވީޑިއޯ ނުވަތަ ފޮޓޯ ހުރިހާ އެކުވެރިންނަށް ދައްކަން ކެރޭނެ ހެއްޔެވެ؟ ނުކެރޭނެއެވެ.

ޓެލެގްރާމް ގުރޫޕުތަކުގައި އެފަދަ ވީޑިއޯތަކާއި ފޮޓޯ ލީކް ކުރާ މީހާވެސް އުޅޭނީ ހަމަ އެގޮތަށެވެ. ތަފާތަކީ އެމީހާގެ ވީޑިއޯއާއި ފޮޓޯ ލީކް ނުވާ ކަމެވެ. އެހެން މީހެއްގެ އަބުރު ކަތިލައި އެންމެންގެ ތެރޭގައި ފަޟީހަތް ކޮށްލާއިރު ތިބާއަށް އުޅެވެނީ ކިހިނެއްތޯ ހިތަށް އަރާ ބާވައެވެ. ތިބާގެ އަމިއްލަ އާއިލާ އަށް ނުވަތަ އަމިއްލަ ނަފްސަށް ވާން ނޭދޭ ކަންކަން އެހެން މީހުންނަށްވެސް ވާން ނޭދޭށެވެ. އެގޮތަށް ޓެލެގްރާމް ގުރޫޕްތަކަށް އޮރިޔާން ފޮޓޯ އާއި ވީޑިއޯ އެޅުމުން ގައުމުގެ ޒުވާން ޖީލުވެސް މިދަނީ ހަލާކުވަމުންނެވެ. އެފަދަ މަންޒަރުތައް ފެނުމަކީ ބަދުއަހުލާގީ އަމަލުތައް ހިންގުމަށްވެސް ހިތްވަރުލިބިދޭ ކަމެކެވެ. ދިވެހިން މިހާރަށްވުރެ ޒިންމާރުވާން އެބަޖެހެވެ.