ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައިފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް"ގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާން މަރުޒޫގުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް ހުށަހެޅުމުން އެ މައުލޫމާތު ނުދިނުމުގެ ސަބަބުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސަމާލުކަމަށް ގެނައުމުން، އިންފޮމޭޝަން ކޮމިޝަނުން މިއަދު ބޭއްވި އަޑުއެހުމުގައެވެ.
އެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ.
"ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިއޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް. ފެށުނީއްސުރެ އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް. އަޅުގަނޑުމެންނަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް އެހީގެ އަތެއް ދިއްކޮށްލަނީ އިންޑިއާއިންނޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެ. ދެން މިފަދަ ހާލަތެއްގައި، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާ ބަދަހިވެފައި އޮތް ހާލަތެއްގައި އަދި އެގްރީމެންޓއި ބަޔާންކޮށްފައި އޮތް ނަމަވެސް އަދި ނެތް ނަމަވެސް އަޅުގަނޑުމެން އެ މައުލޫމާތު ހާމަކޮށްފި ކަމުގައިވަނީނަމަ އެއީ އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ." ޝިމާހު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިމާހު ވިދާޅުވީ، ރާއްޖެއަކީ ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި އެހެންކަމުން އެއްވެސް ގައުމަކާ ގުޅުން ގޯސްވެދާނެ ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިންގެ މައުލޫމާތު އަޒާންއަށް ދީފައިނުވަނީ ސިފައިންގެ ލަފާދޭ މަޖިލީހުން އެ މައުލޫމާތު އެފަރާތަށް ނުދިނުމަށް ނިންމުމުން ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވަނީ، ތަކުރާރުކޮށް ބައެއް ސުވާލުތައް ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހުއާ ކުރައްވައިފައެވެ. ނަމަވެސް ބައެއް ސުވާލުތަކަށް އެންމެ ފުރިހަމަ އަދި އެންމެ ސާފު ޖަވާބު ނުދެއްވުމުން، ފިޔާޒް ނިންމެވީ ޝިމާހުއަކީ މި މައްސަލައިގައި ޖަވާބުދާރީ ވެވޭނެ ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އިތުރު ބައްދަލުވުމެއް ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު