ޚަބަރު

ދިރާގު ޕޭ އިން ކޭޝް ބެކް ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުންކޮށްގެން ބިލު ދައްކައި، ރީލޯޑްކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ ފަސް ޕަސެންޓް އަނބުރާ ދިރާގު ޕޭ ވޮލަޓަށް ޖަމާވެގެން ދާނެ ކަމަށެވެ.

ދިރާގުން ބުނީ ގިނަވެގެން 100 ރުފިޔާ ކޮންމެ ހަފުތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެ ކަމަށާއި މި ފައިސާ ޖަމާވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް ދިރާގުން އެސްއެމްއެސްއެއް ފޮނުވާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން "ޓްރާންސެކްޝަން ހިސްޓަރީ" ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކްގެ ގޮތުގައި ލިބުނު އަދަދު ރަނގަޅުތޯ ބަލައިލެވޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށްވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސްތަކާއި ޖެނެރަލްޓްރޭޑިންނާއި ސެލޫންސް އަދި ހޮސްޕިޓަލުތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނޭ ކަަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކައި، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭއަށް ކޭޝް އިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާންސްފާ ބޭނުންކުރެވޭނެއެވެ.