އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ލެސްޓާ ސިޓީން ވެސްޓްހަމް އަތްދަށުވި އިރު، އާސެނަލްއިން ޝެފިލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ލެސްޓާއިން މިއަދު ހަވީރު ކުޅުނު މެޗުގައި ވެސްޓްހަމް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ މި ސީޒަންގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ލެސްޓާ ބަލިވި ފުރަތަމަ މެޗެވެ. އެޓީމުން މިއަދުގެ މެޗަށް ނުކުތީ މިދިޔަ ހަފުތާގައި މެންޗެސްޓާ ސިިޓީ ކޮޅަށް ފަސް ގޯލް ޖަހައިގެން ބަލިކޮށް، ރަނގަޅު ފޯމެއްގައި އޮވެގެންނެވެ.
ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮޔެސްއަށް ކޮވިޑް 19 ޖެހިފައިވުމާއެކު މިއަދުގެ މެޗުގައި އިރުޝާދު ދިނުމަށް ނުކުމެފައިވަނީ އެސިސްޓެންޓް ކޯޗެވެ. ވެސްޓްހަމްއިން ފުރަތަމަ ލީޑު ނެގީ ކްރެސްވެލްގެ ހުރަހަކުން މިޝޭލް އެންތޯނިއޯގެ ގޯލުންނެވެ. ފޯނަލްސްގެ ގޯލާއެކު ވެސްޓްހަމްއިން ލީޑު ފުޅާކުރީ 36 ވަނަ މިނެޓުގައެވެ.
ދެވަނަ ހާފުގައިވެސް ވެސްޓްހަމްއިން ރަނގަޅު ކުޅުމެއް ދެއްކި އިރު، ރައިސްގެ ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވިއެވެ. މެޗުގެ ތިންވަނަ ގޯލެއް ޖަހައި، 83 ވަނަ މިނެޓުގައި ވެސްޓްހަމްއަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ ބޮވެންއެވެ.
އާސެނަލްއިން މިރޭ ޝެފިލްޑާ ދެކޮޅަށް ކުޅުނު މެޗު 2-1އިން ކާމިޔާބުކުރީ ދެ ގޯލުވެސް ފަހު ހާފުގައި ޖަހައިގެންނެވެ. ޝެފީލްޑުންވެސް ގޯލް ޖެހީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ.
ފުރަތަމަ ހާފުގައި އެންމެ އެދެވޭ ފުރުސަތުތަކެއް އާސެނަލްއަށްވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޕިއެރޭ އެމެރިކް އަބޮމަޔާންގެ ބާރު ހަމަލާއެއް ޝެފީލްޑް ގޯލްކީޕަރު ދިފާއުކޮށް ބޭރުކޮށްލާފައިވެއެވެ. އޭގެ ފަހުން ދެން ފެނުނީ ހަމަލާތައް ނުރައްކާ ކޮށްފައެއް ނުވެއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލްއިން ލީޑު ނެގިއެވެ. ބެލަރިންގެ ހުރަސް ބުކަޔޯ ސަކާ ގޯލަށް ވައްދާލީ މުޅިން ހުސްކޮށް އޮވެގެންނެވެ. ސަކާ މިދިޔަ ސީޒަންގެ ފަހުކޮޅުން ފެށިގެން ދައްކަމުން އަންނަ ކުޅުމާ ގުޅިގެން އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ އޭނާއަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ސީނިއާ ސްކޮޑުން ޖާގަ ދީފައެވެ.
ދެވަނަ ގޯލަކީ ނިކޮލަސް ޕެޕޭ ބޯޅައާއެކު އޭރިއާ ތެރެއިން ވައްދާލި ގޯލެކެވެ. އެ ގޯލާއެކު އާސެނަލްއިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅުނު އިރު، އެޓީމު ކޮޅަށް ޖެހި ގޯލަކީ މެކްގޮލްޑްރިކް ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއެކެވެ.
އާސެނަލްއިން ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު، މިއަދު ހަވީރު ކުޅުނު މެޗުން ބަލިވި ލެސްޓާ އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ދެވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު