ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސ. މަރަދޫ/ ޒެފެއާ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށި/ ސްވީޓްމީޑް، ހަސަން ޝަފީއު އައްޔަންކޮށްފި އެވެ.

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުނަށް ފަނޑިޔާރުކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމު މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ އަދި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާ ކުރެއްވި ފަރުހީޒާ އަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ލޯ (އޮނާޒް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރުހީޒާ އަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގަ އާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެކެވެ.

ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރެއްވި ހަސަން ޝަފީއު އަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާ އޮފް ލޯ (އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގަ އާއި ސިވިލް ކޯޓުގައި އޭނާ މަސައްކަތް ކުރައްވާފައިވާ އިރު، ޝާފިއު އަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި. އެ ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރުމުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.