ރާއްޖޭގައި ކަނޑުއަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށް ފުރުސަތު އެބައޮތް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހު މިފަދައިން ވިދާޅުވީ،
ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ (އެސްޓީއެސް) ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމަކީ ކޮވިޑް 19ގެ ހާލަތުގައި ސައިންސް އާއި ޓެކްނޯލޮޖީ އަދާކުރާ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވިގެންދިޔަ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ތިމާވެއްޓާ ރައްޓެހި ހަކަތައަކީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިއްމު އެއްޗެހި ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުކުރުމަށް މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓްގައި (އިރުމައްޗާއި ހުޅަނގު ގުޅައިލެވޭ ރޫޓް)ގައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ރާއްޖެއަކީ ކަނޑު އަޑީގައި ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗަށް އެންމެ ކަމުދާ ގައުމު ކަމަށެވެ.
ރާއްޖެއަކީ މިހާރުވެސް ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރަންޓުތައް ހުރި ގައުމަކަށް ވެފައި ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދޮރު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޓެކްނޮލޮޖީ އާއި އިންޓަނެޓުން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައިވީ ނަމަވެސް މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވާކަން ފާހަގަކުރައްވައިފައެވެ.
އެސްޓީއެސް ފޯރަމްގައި ޖަޕާނުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ އިން ޝިންޖީގެ އިތުރުން 49 ގައުމެއްގެ ސައިންސް އެންޑް ޓެކްނޮލޮޖީއާ ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއެސް ފޯރަމް އުފެދިގެންދިޔައީ 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު