ޚަބަރު

އައްޑޫ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފަށަން އެއްބަސްވެއްޖެ

އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފަށަން، ގަން އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގަން އިންޓަނޭޝަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ. އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އައްޑޫ އަދި ހުވަދު އަތޮޅު ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒުވީ ވިދާޅުވީ މިއަދުވި ސޮއިކުރި އެއްބަސްްވުމުގެ ދަށުން ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ރަސްމީކޮށް ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށެވެ.

އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއާ ދެމެދު ގަވާއިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާއި ގުޅޭގޮތުން ވެސް އައިލެންޑް އޭވިއޭޝަނާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ.