ރ. ދުވާފަރު މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
ދުވާފަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއީ 37.8 މިލިއަން ރުފިޔާ އަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭނެ ގޮތަށް 4960 އަކަ މީޓަރު ސަރަހައްދެއް އަދި މަގުގައި ދުއްވޭ ގޮތަށް 17790 އަކަ މީޓަރު ސަރަހައްދެއް ހަދާނެ އެވެ. އަދި ކޭބަލް ހޮޅި ވަޅުލުމުގެ މަސައްކަތާއި މަގުމަތީގައި ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ ވެސް ކުރާނެ އެވެ.
ދުވާފަރުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މި އަހަރު ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެ މަސައްކަތުގެ 77 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު އެ މަޝްރޫއު އަންނަ ޑިސެމްބަރު މަހު ނިމޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.