ކުޅިވަރު

އިންޓަނޭޝަނަލް ބްރޭކްއާ ގުޅިގެން ކްލޮޕް ރަތަށް!

މިފަދަ ހާލަތެއްގައި ގައުމީ ޓީމާއެކު މެޗުތަކެއް ކުޅުމަށް ކުޅުންތެރިން ފޮނުވުމަކީ އުނދަގޫ ކަމެއްކަން ފާހަގަކޮށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

މި ހަފްތާގެ ލީގު މެޗުތަކަށްފަހު ދެން އޮންނާނީ އިންޓަނޭޝަނަލް ބްރޭކެކެވެ. މިފަހަރުގެ ބްރޭކުގައި ކުޅޭ ބައެއް މެޗުތަކުގެ ތެރޭގައި ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުުތަކާއި ގިނަ އެކުވެރިކަމުގެ މެޗުތަކެއް ވެސް ހިމެނެ އެވެ.

އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ކްލޮޕާ ސުވާލު ކުރުމުން އޭނާ ވަނީ ޕްރިމިއާ ލީގާއި ޓީވީ ބްރޯޑްކާސްޓަރުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ފާހަގަކޮށް ނުރުހުން ފާޅުކޮށްފަ އެވެ.

"މިއީ އިހުތިރާމް ކުޑަކުރުމެއް ނޫން. އެހެން ގައުމުތަކުގެ ކަންކަން އޮންނަ ގޮތް އަހަންނަށް ނުވެސް އެނގޭ. އެކަމަކު މި ހާލަތަކީ އެންމެން އެއްކޮށް ތިބި ވަގުތު. މިވަގުތު ދަރިއަކު، ނޫނީ އާއިލާ މީހަކު ބުންޏަސް މި އިރުޝާދު ދެނީ ދަތުރު ވެސް ނުކުރަން. އެއީ ހަމަ ކުޅުންތެރިންނަށް ވެސް ދިމާވާ މައްސަލަ. ލިވަޕޫލަކީ އެންމެ ރައްކާތެރިތަނެކޭ ނޫން މިބުނަނީ. އެކަމަކު އެއްތަނެއްގައި ތިބުން މާބުއްދިވެރި. ދެން އެނގޭ ހާލަތުގެ ގޮތުން އެފްއޭތަކާއި ފީފާ އަދި ޔޫއެފާއަށް ވެސް މާބޮޑު ވާހަކަތަކެއް ނުދެއްކޭކަން ވެސް. އެކަމަކު މި ކަންކަމަށް އަޅާ ނުލަނީ ޓީވީ ބްރޯޑްކާސްޓާސް އަދި ޕްރިމިއާ ލީގުން ވެސް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ، ކޮވިިޑުގެ ޓެސްޓްތަކާއެކު ކުރިން ކުޅުވާހާ އަވަހަށް ކުޅުންތެރިން ދަނޑު މައްޗަށް ނެރެ ކުޅުވެން މިހާރު ނޯންނަ ކަމަށެވެ. މިސާލަކަށް ޕެރޫގައި ބުރާސްފަތި ދުވަހު މެޗު ކުޅެފައި ހުކުރު ދުވަހު އިނގިރޭސިވިލާތަށް އަންނަ ކުޅުންތެރިޔާ ހޮނިހިރު ދުވަހުގެ މެޗަށް ނެރުމަކީ އުނދަގޫ ކަމެއްކަން ހުރިހާ ކުލަބަކަށް ވެސް އެނގޭނެ ކަމަށް ކްލޮޕް ބުންޏެވެ. އަދި ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ދަތިތަކުގެ ވާހަކަ ދައްކާލަންޖެހޭ ކަމަށް ކްލޮޕް ފާހަގަކުރި އެވެ.

ލިވަޕޫލުން މި ހަފްތާގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން އޮތީ މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.