ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ޒިޔާދާ ނައީމް ރޭޕްކުރިކަން ސާބިތުވެ އޭނާގެ ކުރީގެ ފިރިމީހާ ޖަލަށް ލާން އިއްޔެ ހުކުމް ކުރުމާއެކު، ޒިޔާދާގެ ހަގު ފިރިހެން ދަރިފުޅު ޒިޔާން އިބްރާހިމް ގދ. ތިނަދޫގައި އުޅޭ ގެއިން ނެރެލާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
"ވަން"އަށް މައުލޫމާތުދެމުން ޒިޔާދާގެ ތިން ދަރިންގެ ތެރެއިން ދެވަނައަށް ހުންނަ ޒިޔާން، 20، ބުނީ ގެއިން ނުކުންނަން އެންގީ ބައްޕައަށް ކުރި ހުކުމަށް ފަހުގައި ކަމަށެވެ.
"ހަމަ ކުއްލިއަކަށް ބުނީ ނުކުންނާށޯ. ބައްޕަ ނޫޅޭތާކު ޒިޔާންވެސް އުޅޭނެ ކަމެއް ނެތޭ،" ޒިޔާން ބުންޏެވެ.
ޒިޔާން ބުނީ ކަނިފުށި މޯލްޑިވްސް ރިސޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާ، ކޮވިޑުގެ ސަބަބުން ގެއްލުމުން ވަގުތީގޮތުން ދިރިއުޅެމުން އައީ ތިނަދޫގައި ބައްޕަ އާއި ދޮންމަންމަ އުޅެމުން އަންނަ ގޭގައި ކަމަށެވެ.
ގެއިން ނެރެލުމުން ޒިޔާން މިހާރު ހުރީ އޭނާގެ ރައްޓެއްސެއްގެ ގޭގައެވެ.
ޒިޔާދާގެ ނުރުހުމުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ގުޅުން ހިންގައި އަދި އެކަމުގެ ތެރޭގައި އަނިޔާވިކަން ސާބިތުކުރުމަށް، ޒިޔާދާ އޭނާގެ ދަރިންނަށް އެ ހާދިސާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާއި ކޮށްފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފައެވެ.
ކޮއްކޮ ގެއިން ނެރެލުމުން ޒިދާޔާގެ ދޮށީ ދަރިފުޅު ޒިދާން އިބްރާހިމް ކުރި ޓުވީޓެއްގައި ބުނީ، ގެއިން ނެރެލިޔަސް އަދި ހުންނާނެ ތަނެއް އާއިލާއިން ނުދެއްކިޔަސް އިރާދަކުރެއްވިއްޔާ ހާލުގައި ނުޖެހޭނެ ކަމަށެވެ.
ހުނަރުވެރި ފޮޓޯގްރާފަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޒިދާން މިވަގުތު ހުރީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ސްރީލަންކާގައެވެ.
ޒިޔާދާގެ މަރާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޒިޔާދާއަށް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ޒިޔާދާއަށް ލިބިފައި ހުރި އެކި ކަހަލަ އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވަނީ 28 ޑިސެންބަރު 2015 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު