އެކުއާޑް އިމިއުނޯޑެފިސިއެންސީ ސިންޑްރޯމް (އެއިޑްސް) ބަލި ހަށިގަނޑަށް ޖައްސާ ހިއުމަން އިމިއުނޯޑެފިސިއެންސީ ވައިރަސް (އެޗްއައިވީ) އިން އެންމެ ފުރަތަމަ ރަނގަޅުވި މީހާ މަރުވެއްޖެއެވެ.

އެޗްއައިވީއިން އެންމެ ފުރަތަމަ ފަސޭހަވީ އެމެރިކާއަށް އުފަން ރޭ ބްރައުންނެވެ. ބްރައުންއަށް އެއިޑްސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 1995 ވަނަ އަހަރުއެވެ. އެއަށްފަހު 2007 ވަނަ އަހަރު އޭނާއަށް ވަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ އެކިއުޓް މައިލޮއިޑް ލުކީމިއާ ޖެހިފައެވެ. ލުކީމިއާ ޖެހުމުގެ ސަބަބުން އޭނާގެ ބޯން މެރޯގެ ސެލްތައް ހަލާކު ވެ، ބޯން މެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އުމުރުން 54 އަހަރުގެ ބްރައުންއަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދިން މީހާއަކީ އުފެދުމުގައި ވެސް އެއިޑްސް ވައިރަސްއަށް އިމިއުން މީހެކެވެ. އެހެންކަމުން ބޯންމެރޯއަށް ފަހު ބްރައުންގެ ހަށިގަނޑުން ވައިރަސް ވަނީ ނެތިގެން ގޮސްފައެވެ. މި ކޭސްއާ ގުޅިގެން އެއިޑްސްއަށް ފަރުވާއެއް ހޯދިދާނެ ކަމަށް ސައިންސްވެރިން ކުރަމުންދާ އުއްމީދު ވަނީ ބޮޑުވެފައެވެ.

ބްރައުން މަރުވެފައިވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަންދާޒާކޮށްފައިވާ ގޮތުގައި ދުނިޔޭގައި އެއިޑްސް ބަލި ތަހައްމަލު ކުރަމުންދާ 36.9 މިލިއަން މީހުން ދިރިއުޅެއެވެ.