ކަންޓަސްގެ ހާއްސަ ފްލައިޓް، "ފްލައިޓް ޓު ނޯވެއާ"ގެ ހުރިހާ ޓިކެޓެއް ދިހަ މިނިޓުތެރޭ ހުސްވެއްޖެއެވެ.
އޮސްޓްރޭލިއާގެ ކަންޓަސް އިން މިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެއެއާލައިންގެ ކަސްޓަމަރުންނަށް ހާއްސަ ފްލައިޓެއް ހަމަޖައްސައިފައެވެ.
ކަންޓަސް އިން ވަނީ ހަތް ގަޑިއިރުގެ ދިގު މި ދަތުރުގައި ފްލައިޓު ނައްޓާލާނީވެސް އަދި އަނބުރާ ޖައްސާނީވެސް ސިޑްނީގެ މައި އެއާޕޯޓުގައި ކަމަށް ރިޕޯޓުކޮށްފައެވެ.
މިމަހުގެ 10 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ މި ހާއްސަ ފްލައިޓުގައި ދަތުރުކުރާ ފަރާތްތަކަށް ކުރިން ތަޖުރިބާކޮށްފައި ނުވާ ހާއްސަ އެތައް ކަންކަމެއް ފާހަގަކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ. އެގޮތުން ފްލައިޓުގެ މި ދަތުރުގައި އޮސްޓްރޭލިއާގެ ހާއްސަ ސަރަހައްދުތަކުގައި ފްލައިޓް ތިރިކޮށް ދުއްވާ ފަސިންޖަރުންނަށް ހިތްގައިމު މަންޒަރުތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
134 ސީޓު ވިއްކުމަށް ހުޅުވާލުމާއެކު ދިހަ މިނިޓުތެރޭ ހުރިހާ ޓިކެޓެއް ހުސްވެފައިވާ އިރު، ޓިކެޓުގެ އަގުތައް ހުރީ 575 އެމެރިކާ ޑޮލަރާއި 2765 އެމެރިކާ ޑޮލަރާ ދެމެދު ކަމަށް ކަންޓަސްގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.
ތަރުޖަމާނު ވިދާޅުވީ ކޮވިޑުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރަސްއެޅިފައިވާ ދަނޑިވަޅެއްގައި މިފަދަ ފުރުސަތެއްގެ ބޭނުން ހިފައިފައިވަނީ ކެތްމަދުވެފައި ތިބި ބަޔަކު ކަމަށެވެ. އަދި މިއީ ތާރީހުގައިވެސް މިހާ އަވަހަށް ފްލައިޓެއްގެ ޓިކެޓު ވިކި ހުސްވި ފަހަރު ކަމުގައި ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.