ޗެލްސީގެ ލެޖެންޑް، އައިވަރީ ކޯސްޓްގެ ޑިޑިއާ ޑްރޮގްބާގެ އިންސާނީ ހިދުމަތަށް ޔޫއެފާ ރައީސް އެލެކްސެންޑްރާ ޝެފަރިންގެ ހާއްސަ އެވޯޑު އަރުވައިފިއެވެ.
ޔޫއެފާ އެވޯޑުތައް ދިނުމަށާއި، މި ސީޒަންގެ މުބާރާތްތަކުގެ ގުރުއަތު ނެގުމަށް ޖެނީވާގައި ބޭއްވި ހާއްސަ ހަފުލާގައި ޑްރޮގްބާއަށް އެވޯޑު އަރުވާފައިވަނީ ޔޫއެފާ ރައީސް ޝެފެރިންނެވެ. އެ އެވޯޑަކީ ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުގައި ޑްރޮގްބާ ދައްކާފައިވާ ނަމޫނާއަށް އަރުވާފައިވާ އެވޯޑެއް ކަމަށް ޔޫއެފާ ރައީސް ވަނީ ފާހަގަކުރެއްވިއެވެ.
"ޑްރޮގްބާ މިހާރުވެސް އަންނަނީ އެތަކެއް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެމުން. ޑްރޮގްބާއަކީ މުޅި އައިވަރީ ކޯސްޓަށްވެސް އެތަކެއް ހިދުމަތްތަކެއް ކޮށްދެމުންދާ ފަރާތެއް. މުޅި އެފްރިކާއަށް އުންމީދު ގެނެސްދޭ މޫނަކަށް ޑްރޮގްބާ ވަނީ ވެފައި. ޑްރޮގްބާއަކީ ދުނިޔޭ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއް، ހިދުމަތްތެރިއެއް،" މިރޭގެ އެވޯޑް ހަފުލާގައި ޔޫއެފާ ރައީސް ވިދާޅުވިއެވެ.
އިންސާނިއްޔަތަށް ޑްރޮބާގެ ފައުންޑޭޝަންގެ ފަރާތުން ކޮށްދޭ ބުރަ މަސައްކަތް ޔޫއެފާ ރައީސް ފާހަގަކުރައްވާފައިވާ އިރު، މިހާރުވެސް ޑްރޮގްބާ އަންނަނީ އެކިއެކި ގައުމުތަކުގައި މިލިއަނެއްހާ ސްކޫލް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަކީ ލިބޭ އެންމެ ބޮޑު ޝަރަފު ކަމަށް މިރޭގެ ހަފުލާގައި ޑްރޮގްބާ ބުނެފައިވެއެވެ.
"ފުޓުބޯޅައަކީ ހަމައެކަނި ދަނޑުމަތީގައި ފެންނަ މަންޒަރެއް ނޫން. އެތަކެއް ކުދިންނަށް އެތަކެއް އާއިލާތަކަކަށް އުފާވެރިކަން ގެނެސްދޭ ކަމެއް ފުޓުބޯޅައަކީ. އެފްރިކާގެ އެތަކެއް ކުދިންނަކަށް ފޯރުކޮށްދެވޭ އެހީއަކީ އެންމެ ބޮޑު ޝަރަފު. ދަނޑު ބޭރުން ކުރަމުން އަންނަ މަސައްކަތަކީ އުފަލާއެކު ކުރަމުން އަންނަ މަސައްކަތެއް. ވީ ވަރަކުން އިންސާނިއްޔަތަށް އެހީތެރިވާނަން. އަހަންނަށް ކުރެވުނު ތަޖުރިބާއަކީ އެކަމަށް ހުޅުވުނު ދޮރު،" ޑްރޮގްބާ ބުންޏެވެ.
ޗެލްސީއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައިވާ ޑްރޮގްބާގެ ފައުންޑޭޝަނަކީ ކުޅުންތެރިއެއްގެ އެންމެ ބޮޑު އެއް ދަރުމަވެރި ފައުންޑޭޝަނެވެ. އަމިއްލަ ގައުމުގެ ދާހިލީ ހަނގުރާމައެއް ހުއްޓުވުމަށް ވެސް ޑްރޮގްބާ އެހީތެރިވެދީފައިވާ އިރު، އޭނާއަކީ އދ. ގެ އެމްބެސެޑަރެއް ވެސް މެއެވެ.
ޑިޑިއާ ޑްރޮގްބާ