ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް ހަސަން ވަހީދު އިސްތިއުފާދެއްވައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވައި، ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އޭނާއަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ، އެކަން ސާފުވާގޮތް ވަނީ ނުވެފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުގެ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލެއް ނުލިބިގެން މަޖުބޫރުވެގެން ޕީސީބީގެ ރައީސް މަގާމުން އިސްތިއުފާދެއްވުމަކީ ހިތާމައެއް ކަމަށެވެ.

ޕީސީބީގެ ރައީސްކަމަށް ވަހީދު އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ރައީސް ކަމަށް ހަމަޖައްސާފައިވަނީ އެ ބޯޑުގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ނިޒާރު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޕީސީބީގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ޕީސީބީގެ އާ ބޯޑު އެކުލަވާލި މިއަހަރު ކުރީކޮޅުއެވެ.

ޕީސީބީ އަކީ ޕްރައިވަޓައިޒޭޝަން، ކޯޕަރޭޝަން، މޮނިޓަރިން އެންޑް އިވެލުއޭޝަން އޮފް ގަވަމަންޓް ބިޒްނަސްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.