ޚަބަރު

މަރާމާތަށްފަހު ހުކުރު މިސްކިތް އަލުން ހުޅުވައިފި

މަރާމާތުކުރުމަށް ބަންދުކުރުމަށްފަހު، ހުކުރު މިސްކިތް އަލުން ހުޅުވައިފި އެވެ.

މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އަލުން މަރާމާތުކުރުމަށް ހުކުރު މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ. އަދި ކޮވިޑް 19އާ ގުޅިގެން ގައުމު ލޮކްޑައުންވުމުން މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހުނެވެ.

ހުކުރު މިސްކިތް އަލުން ހުޅުވާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކޮވިޑާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހުނު ނަމަވެސް މިސްކިތް އަލުން ހުޅުވާފައިވަނީ މި ވަގުތަށް މުހިންމު މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތް ނިންމުމަށްފަހުގައި ކަމަށެވެ. އަދި މިސްކިތުގައި ނަމާދު ކުރަން ފެށި ނަމަވެސް ކޮވިޑާ ގުޅިގެން އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައިވެ އެވެ.

ހުކުރު މިސްކިތުގެ މަތިވަޑާން ގަނޑަކީ 200 އަށްވުރެ ގިނަ އަހަރު ވެފައިވާ ތަނެކެވެ. އެތަނުގެ މަރާމާތެއް އެންމެ ބޮޑަށް ކޮށްފައިވަނީ 1986 އިން 1987 އަށެވެ.

އެފަހަރު އިންޑިއާގެ ތަރިކައާ ސަގާފަތް ރައްކާތެރިކުރުމާ ބެހޭ އިދާރާތަކުގެ ޓީމަކާއި ރާއްޖޭގެ ޓީމަކާ ގުޅިގެން އޭރުގައި ފަނި ބޮއިފައި ހުރި ބެރިތައް ފިލްކޮށް، މިސްކިތުގެ މަތިވަޑާންގަނޑަށް ވަރަށް ބައިވަރު ޓްރީޓްމެންޓްތަކެއް ދިނެވެ.

އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް މުޅި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ކޮވިޑާ ގުޅިގެން އެ މަސައްކަތް ވެސް ވަނީ ފަސްކޮށްފަ އެވެ.