ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއްކަމުގައި ވުމުން، މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ގައުމެކެވެ. ހަމަ އެހެންމެ މިއީ މިކަމަށް ކުރަން ޖެހޭ ހޭދަ ވެސް ނުހަނު ބޮޑު ކަމެކެވެ.
ނަމަވެސް މީގެ 32 އަހަރު ކުރިން މުޅިން އަލަށް ރާއްޖޭގައި މުއާސަލާތީ އިންފްރާސްޓަރަކްޗާތައް ބިނާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ކުރަން ފެށި އެވެ. ރާއްޖޭގެ މުއާސަލާތީ ސިނާއަތް ފަށައިދީ ދިވެހި އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައެވެ. މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ޗާޓުން ފަވާލައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ގުޅުވާލަދިނެވެ. އެކަމުގެ ބައިވެރިޔަކީ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގެވެ.
ދިރާގުން ރާއްޖޭގައި މި ދާއިރާއަށް ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފަ އެވެ. އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރައިދިނެވެ. ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާސަލާތީ ހިދުމަތްތައް ވެގެންދިޔައެވެ.
ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ސިނާއަތެކެވެ. ދިރާގުން ވެސް އަންނަނީ ހަމަ އެ ހަލުވި މިނުގައި ޓެކްނޮލޮޖީ އާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން، ޒަމާނީ ހިދުމަތްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރި ވަމުންނެވެ. ވޭތުވެދިޔަ 32 އަހަރު ތެރޭގައި ގައުމުގައި ހިނގައިދިޔަ ކުދި ބޮޑު ހުރިހާ ކަމެއްގައި އެކި ގޮތްގޮތުން ހިދުމަތް ފޯރުކޮށްދެމުން އައި މައި އެއް ކުންފުންޏަކީ ދިރާގޭ ބުނުން ދޮގަކަށް ނުވާނެ އެވެ.
އެގޮތުން، ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެ އެވެ. މުޖުތަމައަށް ފޯރުކޮށްދިން ގިނަގުނަ އެހީތެރިކަމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓުތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ހިދުމަތުގެ ތަޖުރިބާއަށް ބުރޫ ނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ.
ހަމައެހެންމެ، ދިރާގުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ހިދުމަތްތައް ފަރުމާކުރަމުންނެވެ. އެގޮތުން ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށް ގެނެސްފަ އެވެ.
ކަންމިހެން ވުމާއެކު، ދިރާގުގެ 32 އަހަރުގެ ހަޔާތުގައި ކަސްޓަމަރުންނާ ގާތް ގުޅުމެއް ދަމަހައްޓައި ކަސްޓަމަރުންނާއި ދިވެހިންގެ އިތުބާރާއި ލޯބި އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުން ވެސް ގިނަ ކަސްޓަމަރުން ދިރާގު އިހްތިޔާރުކޮށް ދިރާގާއެކު ދެމިތިބުމުންނެވެ. މި ކަމުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނި ކަމެވެ.
ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. އެގޮތުން 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނަ މި ކުންފުންޏަކީ ހަމަގައިމުވެސް ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަގުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.
ދިރާގުން ފޯރުކޮށްދޭ މި ހިދުމަތްތަކުގެ ލިސްޓުގައި ހިމެނޭ ކަންތައްތައް ވަރަށް ގިނައެވެ. އެގޮތުން، ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ރާއްޖެ ފަދަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ވަކިވަކި ޖަޒީރާ ރަށްތަކަކަށް، ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ކުރު މުއްދަތެއްގެ ތެރޭގައި ނުހަނު ކާމިޔާބު ކަމާއެކު ދިރާގުން ނިންމާލި އެވެ. އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވޭ ގައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމެއް ކަން ޔަގީނެވެ.
ނަމަވެސް ދިރާގުން މުޅިން އަލަށް، ޓެކްނޮލޮޖީގެ ވެސް ޅަފަތުގެ ދައުރުގައި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރުމަކީ ތައުރީފާއި ޝުކުރު ހައްގު މަސައްކަތްތަކެއްކަން ޔަގީނެވެ. އެހެނީ، މިއީ ގައުމުގެ ތަރައްގީއަށް އެޅިގެން ދިޔަ އެންމެ މައި އެއް ބިންގަލެވެ. އެ މަސައްކަތް ނިމިގެންދިއުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާސަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ފަހިވެގެންދިޔަ އެވެ.
މީގެ އިތުރުން، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީ ވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ހިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ހަމައެއާއެކު އެ ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފަ އެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރު ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް މިހާރު އާބާދީގެ 76 ޕަސެންޓަށް ލިބެ އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތް ވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
މުއާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތައާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައް ވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ. އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިރާގުން އަންނަނީ ރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެމުންނެވެ.
ދިރާގަކީ ހަމައެކަނި މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ. އެގޮތުން ދިރާގުގެ އިޖުތިމާއީ ޒިންމާ ނުވަތަ "ސީއެސްއާރް"ގެ ދަށުން އަންނަނީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީ ވެސް ދިރާގެވެ.
ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވީހިނދު، ދިރާގުގެ މާޒީގައި ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން މުއާސަލާތީ ތަރައްގީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއް ނެތި ދިރާގު ދެމިއޮންނާނެކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން އަންނަނީ ސާބިތުކޮށްދެމުންނެވެ.
ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރު ހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގުބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެކެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް