ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑިރެކްޓަރުގެ މަގާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު އަސީފް ހަމަޖައްސައިފިއެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ބޭންކިންގެ ދާއިރާގެ ތަޖުރިބާ ހޯއްދަވާފައިވާ ދެ ބޭފުޅުން ކަމަށް ބީއެމްއެލުން ބުންޏެވެ.

އެގޮތުން ނިމާލް ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ 2003 ވަނަ އަހަރުގައި ކަމަށާއި ފާއިތުވި މުއްދަތުގައި އޭނާ ވަނީ ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ. ނިމާލް ވަނީ ބްރާންޗް އޮޕަރޭޝަންސް އާއި ކަސްޓަމަރު ސާވިސަސް އަދި އިންޓަނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތް ކުރައްވައިފައެވެ. ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫއުތަކާއި ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މިމަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގައެވެ.

އަސީފަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖުމަންޓުގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކަރެކެވެ. 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރުގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި އަށް އަހަރު ތެރޭގައި ވަނީ ކޯޕަރޭޓް ބޭންކިން ޓީމާއެކު މި ދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމަރު ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ގެންދެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމު އަދާކުރައްވަމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާ ދައިރާއެއްގައި މަސައްކަތް ކުރެއްވި ކަމަށާއި ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި ދެބޭފުޅުންނަކީ ވެސް ބޭންކިން ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލު ދިވެހިން. ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާ މެދު އަޅުގަނޑަށް އިތުރުބާރު އެބައޮތް. ނިމާލް އާއި އަސީފަށް ކާމިޔާބަށް އެދެން،" ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާދެމުން އަންނަ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން އަންނަނީ މުވައްޒަފުންނާ ގުޅޭގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.