ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އެޅި ލީޑަރެކެވެ. ރެފްރީއެކެވެ. ވޮލީ ކުޅުންތެރިއެކެވެ. ޓީޓީގެ އިތުރުން ހޮކީއާއި ކްރިކެޓްވެސް ކުޅުއްވި ދެވަނައެއް ނެތް އެތުލީޓެކެވެ. މުދައްރިސެއްގެ އިތުރުން މުޅި ތައުލީމީ ނިޒާމުގެ ހެޔޮ ބަދަލުތަކަކަށް މަސައްކަތް ކޮށްދެއްވި ގައުމީ ހިދުމަތްތެރިއެކެވެ. ޝަރަފުގެ އެންމެ މަތީ ލަގަބު ލިބިވަޑައިގެންނެވި އިބްރާހީމް އިސްމާއީލް ދިވެހި ކުޅިވަރަށް ކުރި ހިދުމަތް ރަން އަކުރުން ފެވޭނެއެވެ. އެއީ ގައުމީ ކުޅިވަރަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން، އެތަކެއް ވަގުތެއް އެކަމަށް ހޭދަކުރައްވައި، ދިވެހި ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނަން އިސްނެންގެވި އިސްނެންގެވުމާ އެކުގައެވެ.
ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްގެ މަގާމުންނާއި، އެ މަޖިލީހުން، އިބްރާހިމް އިސްމާއިލް އިސްތިއުފާ ދެއްވައި ކުޅިވަރުގެ ދާއިރާއިން ރިޓަޔާވެވަޑައިގެންނެވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ އިއްޔެއެވެ. ރާއްޖޭގެ ކުޅިވަރުގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަކޮށްލެވޭ އިބްރާހީމް އިސްމާއީލް ކުޅިވަރު ހިންގުމާ ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާންކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ އިބްރާހިމް އިސްމާއިލް ރަސްމީކޮށް ރިޓަޔާ ކުރައްވާފައިވާ ކަމަށާއި ދިވެހި ކުޅިވަރު ކުރިއެރުވުމަށް އިބްރާހިމް އިސްމާއިލް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އިބްރާހީމް އިސްމާއީލްއަކީ ގައުމަށް، ކުޅިވަރަށް ވަރަށް ބޮޑެތި ހިދުމަތްތަކެއް، ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެއް. ރާއްޖެއަށް ރަން ވަނަތަކެއް ގެންނަވަން މަސައްކަތް ކުރައްވައި، ކުޅިވަރުގެ އާ ކަންތައްތަކެއް ރާއްޖޭގެ ކުޅިވަރަށް ގެންނެވި ބޭފުޅެއް. އިބްރާހީމް އިސްމާއީލޭ ބުނީމަ ކޮންމެ މީހަކަށްވެސް ފެންނާނީ ބެޓެއް، ފުޓުބޯޅައެއް ކަހަލަ އެއްޗެއް، އެއީ އެހާވެސް ކުޅިވަރު ބޭފުޅެއް." މަހުލޫފް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އިބްރާހީމް އިސްމާއީލްގެ ހިދުމަތް ސިފަކުރެއްވިއެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ އިބްރާހީމް އިސްމާއީލް ރަސްމީ މަސައްކަތުން ރިޓަޔާ ކުރެއްވި ނަމަވެސް ކުޅިވަރުގެ ދާއިރާއިން ގުޅުން ބާއްވަވާނެ ކަމަށާއި ކުޅިވަރުގެ ކަންތައްތަކުގައި ގޮވާލަން ޖެހިއްޖެ ހިނދެއްގައި އިބްރާހީމް އިސްމާއީލަށް ގޮވާލައްވާނެ ކަމަށެވެ.
އުމުރުން 70 އަހަރު ވެފައިވާއިރު، އިބްރާހީމް އިސްމާއީލްގެ ހަޔާތުން 44 އަހަރަށްވުރެ ގިނަ ދުވަހު ކުޅިވަރަށް ހިދުމަތް ކުރައްވައިފިއެވެ. 43 އަހަރު ދުވަހު ތައުލީމީ ދާއިރާއަށްވެސް ވަނީ ހިދުމަތް ކުރައްވައިފައެވެ. ރާއްޖޭގެ ތައުލީމީ އޮނިގަނޑުގެ މަސައްކަތްތަކުގެ އިތުރުން ގައުމީ އެތަކެއް މަސައްކަތަކަށް ވެސް ވަގުތު ހުސްކުރައްވައި، އިބްރާހީމް އިސްމާއީލް ވަނީ ނަމޫނާ ދައްކަވައިފައެވެ.
ގައުމީ ފެންވަރުގައި އެތައް ކުޅިވަރެއްގައި ވިދާލި އިބްރާހީމް އިސްމާއީލްއަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅާއި 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއިން ފެނުނު އެންމެ ހުނަރުވެރި މިޑްފީލްޑަރެވެ. އޭނާ ވަނީ ފުޓުބޯޅައިގައި ވަރުގަދަ ދިފާއީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ވިދާލައިފައެވެ.
ރާއްޖޭގައި ފުރަތަމަ އެކުލަވައިލި ގައުމީ ފުޓްބޯޅަ ޓީމު، 1979 ވަނަ އަހަރު ރިޔޫނިއަނުގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅުނުއިރު އެ ތާރީހީ މެޗުގެ ކެޕްޓަނަކީ ވެސް އިބްރާހިމް އިސްމާއިލެވެ.
ފުޓްބޯޅައިގެ އިތުރުން ކްރިކެޓާއި ޓެނިހުގައިވެސް އިބްރާހިމް އިސްމާއިލަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވާދަކުރައްވައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ އެކުލަވާލި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި ތައުލީމާ ބެހޭ ވަޒީރު އައްޔަންކުރައްވާ މެންބަރުގެ ގޮތުގައި މަޖިލީހުގައި އިންނެވުމަށްފަހު އެ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއަށްފަހު މި ސަރުކާރުން އަލުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް އެކުލަވާލައި ރައީސް ކަމަށް އައްޔަން ކުރެއްވީ ވެސް އިބްރާހީމް އިސްމާއީލެވެ.
ފުރަތަމަ ފަހަރަށް 2008 ވަނަ އަހަރު ބޭއްވި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރައްވައި އެ އިދާރާގެ ރައީސްގެ މަގާމުވެސް އިބްރާހީމް އިސްމާއީލް އަދާކުރެއްވިއެވެ. އޭގެ އިތުރުން އިބްރާހީމް އިސްމާއީލު ކުޅިވަރުގެ ދާއިރާއިން ހިދުމަތް ކުރެއްވި މަގާމުތަކުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ހިމެނެއެވެ.
އިބްރާހީމް އިސްމާއީލް ވަނީ ރެފުރީއެއްގެ ގޮތުގައިވެސް ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯއްދަވައިފައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ދެ ރެފުރީންގެ ތެރެއިން އެއް ރެފުރީގެ ގޮތުގައި އިބްރާހީމް އިސްމާއީލް ހިމެނިވަޑައިގެންނެވިއެވެ. ގައުމީ އެތައް ޓީމެއްގެ މެނޭޖަރުކަމާއި ބޮޑެތި ގޭމްސްތަކަށް ދިޔައިރު ޗެފް ޑި މިޝަނުގެ ޒިންމާވެސް އިބްރާހީމް އިސްމާއީލް ވަނީ އުފުއްލަވައިފައެވެ.
އާއްމު ހިދުމަތަށް ރާއްޖޭގައި ދޭ ދެވަނައަށް އެންމެ މަތީ އެވޯޑު، ހިތްވަރުދިނުމުގެ އިނާމު 1982 ގައި އިބްރާހީމް އިސްމާއީލަށް ލިބިވަޑައިގެންނެވި އިރު، ގައުމީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ކަމަށްވާ ޝަރަފުވެރިިކަމުގެ އިނާމު 2007 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އިބްރާހީމް އިސްމާއީލަށް ކުޅިވަރުގެ ރޮނގުން ދެއްވައިފައެވެ.
ތައުލީމީ ދާއިރާގައި ހޭދަކުރެއްވި ދުވަސްވަރުގައިވެސް، ތައުލީމުގެ ތެރެއަށް ކުޅިވަރު ގެންދަވަން އަބަދުވެސް މަސައްކަތްކުރެއްވިއެވެ. ވިސްނުން އަބަދުވެސް ބައްޓަން ކުރައްވާފައިވަނީ ތައުލީމީ ދަރިން ބިނާކުރެވޭނީ "ކުޅިވަރާއި އިތުރު ހަރަކާތްތަކުގެ" ތެރެއިންކަން ދެއްކުމަށެވެ. ތަރުބިއްޔަތުގެ މުހިއްމުކަން އަންގައިދިނުމަކީ އިބްރާހީމް އިސްމާއީލް އަބަދުވެސް ކުރައްވާ އެންމެ މުހިއްމު ކަންތަކެވެ.
"ދަރިވަރުންގެ ހުނަރުވެރިކަން ކުރިއެރުވުމަށް ހުރި ރޮނގުތައް ފާހަގަކޮށް އެ ރޮނގުތަކުން ކުރިއަށްދިއުމުގެ މަގު މިހާރު މިވަނީ ފަހިވެފައި. ތިމަން ކިޔެވުމަށް މާ ދެރައޭ، މިކަމެއް ނުވާނެއޭ، ނޭނގެއޭ ބުނުމުގެ ފުރުސަތެއް ނެތް މިހާރަކު. މިއޮތީ ފަހި ފުރުސަތުތައް ދަރިވަރުންގެ އަތްމަތީގައި. ދޫކޮށްނުލައި ބޭނުން ކުރުމަށް އިލްތިމާސްކުރަން،" ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2017 ވަނަ އަހަރު އިނާމް ދިނުމުގެ ޖަލްސާގައި އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.
އިބްރާހީމް އިސްމާއީލް ވިދާޅުވި ގޮތުގައި ދަރިވަރުން ސްކޫލު ނިމި މުޖުތަމައަށް ނުކުންނަ އިރު، މުޖުތަމައަށް ބޭނުންތެރި ފައިދާ ހުރި ބަޔަކަށް ހެދޭނީ ކިޔެވުމުގެ އިތުރުން ސްކޫލުން ރާވައި ހިންގާ އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެގެންނެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ގިނަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް އޭނާ ވަނީ އެ ހަފުލާގައި ގޮވާލައްވައިފައެވެ.
މިއީ އިބްރާހީމް އިސްމާއީލް އަބަދުވެސް ދެއްވާ އެންމެ މުހިއްމު ނަސޭހަތެވެ. ހުނަރުވެރި ކުދިންގެ ހުނަރުވެރިކަން އެންމެ އެކަށޭނެ ގޮތެއްގައި ބޭނުން ކުރެއްވުމަށް އަބަދުވެސް އިރުޝާދު ދެއްވައެވެ. ހާއްސަކޮށް ކުޅިވަރު ކުޅޭ ކުއްޖަކަށްވުމަކީ، "ދަށް ކުއްޖަކަށް" ވުން ނޫން ކަމަށާއި ކުޅިވަރަކީ ގައުމީ ބޮޑު ޝަރަފެއްގެ ގޮތުގައި ގަބޫލުކުރުވަން އިބްރާހީމް އިސްމާއީލް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
އާއިލީ ކަންކަމަށް ވަގުތު ހުސްކުރުމުގެ ގޮތުން އިބްރާހީމް އިސްމާއީލް ވަޒީފާއިން ދުރަށް ޖެހިވަޑައިގެންނެވި އިރު، ދާދިފަހުން އިބްރާހީމް އިސްމާއީލް ވަނީ ކޮވިޑް 19އަށް ވެސް ޕޮޒިޓިވްވެފައެވެ. މާތް ﷲގެ އިރާދަފުޅާއެކު މިހާރު ބަލިން ރަނގަޅުވެފައިވާ އިރު، އިބްރާހީމް އިސްމާއީލް ހުންނެވީ އޭނާ މަސައްކަތް ކުރިއަށް ގެންދަވަން ޒުވާން ޖީލަށް ހުންގާނު ދޫކޮށްލައްވައިގެންނެވެ. މިދިޔަ 40 ވަރަކަށް އަހަރު ދުވަހު ދިވެހި ކުޅިވަރަށް އިބްރާހީމް އިސްމާއީލް ކޮށްދެއްވި އަގުހުރި ހިދުމަތް ޒަމާންތަކަށް ދެމިގެންދާނެއެވެ. ފަނޑުވުމެއް ނެތިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު