ފަލަސްތީނުގެ މުސްލިމުންނާއި ރޮހިންޔާ މުސްލިމުންނަށް ދެމުން ގެންދާ އަނިޔާތައް ބަލަން ރާއްޖެ ނޯންނާނެ ކަމަށާއި އެކަންކަން ހުއްޓުވުމަށް ރާއްޖެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސްގެ 75 ވަނަ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްގެ ނުރައްކާ ކަމަށެވެ. މިކަން ހައްލު ކުރެވޭނީ ހުރިހާ ގައުމުތައް ގުޅިގެން ކަމަށާއި ހާއްސަކޮށް ޓެކްނޮލޮޖީގެ ބޭނުން މިކަމުގައި ހިފައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިގެން ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނުން އެމީހުންގެ ހައްގު ހޯދުމަށާއި އިހުތިރާމު ހޯދުމަށް ރޮއެ އާދޭސް ކުރަމުންދާ ކަމަށެވެ. "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްތީނުގެ މިނިވަންކަން ހޯދައިދިނުމަށް އެހީތެރިވެ، ޖެރޫސަލިމް އަކީ ފަލަސްތީނުގައި ކެޕިޓަލްއަށް ހެދުމަށް އެހީތެރިވުމަށް މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވައިފައެވެ.
ޝާހިދު ވިދާޅުވީ މި ދަތި ހާލުގައިވެސް ރޮހިންޔާ މުސްލިމުން އަންނަނީ ވަރަށްވެސް އުނދަގޫ ހާލުގައި އުޅެމުން ކަމަށެވެ. ގަތުލްއާންމު ހިންގަމުންދާއިރު، އެތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ.
"ރޮހިންޔާ މުސްލިމުންނަށް ނުހައްގުންދޭ އަނިޔާތަކާއި އަނިޔާވެރި މެރުންތައް ހުއްޓުވުމަށް ރާއްޖެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން." ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މި ދެގައުމުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި ބައިނަލް އަގުވާމީ ޖަސްޓިސް ކޯޓްގައިވެސް ވަކާލާތު ކުރާނެ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުުވީ ޔޫއެންގެ ހުރިހާ ގައުމުތަކެއް ގުޅިގެން ގައުމުތަކުގެ މެދުގައި އިންސާފާއި ހަމަހަމަކާއި އެއްބައިވަންތަކަން ގާއިމް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދޭދޭ ގައުމުތަކުގެ ގުޅުންތައް ބަދަހި ކުރަން ޔޫއެންގެ ޕްރިންސިޕަލްތަކަށް އިހުތިރާމްކޮށް އަމަލުކުރަން ޖެހޭ ކަމަށެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު