ދިވެހި ލީގުގެ މެޗުތަށް އަތޮޅު ތެރޭގެ ރަށްރަށުގައި ކުޅޭތަން ފެންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް އެހެން ވިދާޅުވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި އެމްޑީޕީގެ މެމްބަރު އާދިލް ސަލީމް ކުރައްވާފައިވާ ޓްވީޓެއް ރީ ޓްވީޓް ކުރައްވަމުންނެވެ. މާފުއްޓާއި ގުރައިދޫގެ ދަނޑު އަޅާ ޒޯން މެޗުތައް އެ ދަނޑުތަކުގައި ކުޅުމަށް މަޖިލިސް އިންތިހާބުގައި ޒުވާނުން އެދުނު އެދުން މިނިސްޓަރު ފުރިހަމަ ކޮށްދެއްވާ ކަމަށް ވިދާޅުވެ އާދިލް ސަލީމް ކުރެއްވި ޓްވީޓަށް މަހުލޫފު ވިދާޅުވީ އެދުވަހު ދެއްކެވި ވާހަކަތައް މިއަދު ހަގީގަތަކަށް ވަމުން އަންނަ މަންޒަރު ފެންނަމުންދާތީ އުފާކުރައްވާ ކަމަށެވެ.
"އެދުވަހު ދެއްކި ވާހަކަތައް މިއަދު ހަގީގަތަކަށް ވަމުންދާ މަންޒަރު ފެނުމުން އުފާވޭ. އިރާދަކުރެއްވިއްޔާ ލީގު މެޗުތައް ތި ރަށްރަށުގައި ކުޅޭ މަންޒަރު ފެންނާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ 13 ބޮޑު ދަނޑަކަށް ޓާފް ގެނައުމަށް އިއްޔެ ޔޫތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފައިވާ އިރު، މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ 50 ރަށެއްގައި ބޮޑު ދަނޑެއް އަޅާ ނިންމާލެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ޓާގެޓަކީ 100 ދަނޑު އެޅުން ކަމަށާއި އެ ދަނޑުތަކަކީ ރާއްޖޭގެ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކޮށް، އަތޮޅު ތެރޭގައި ލީގު ކުޅުމަށް އެޅިގެންދާ ދަނޑުތަކެއް ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރެއްވި އެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި ނުވަ ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫ އެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުއްޓެވެ. ހަތަރުވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެއް ކަމަށްވާއިރު އެރަށް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑަރު ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރު މަޙްލޫފް މިއަދު ވިދާޅުވި އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު