ލެކްޗަރާއިންނާއި ޓިއުޓަރުންގެ މުސާރައިގެ އޮނިގަނޑު ފާސްކުރަން ނޭޝަނަލް ޕޭ ކޮމިޝަނަށް މިއަދު ފޮނުވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ، އެ ކޮމިޝަންގެ ދަށުން ލެކްޗަރާއިންނާއި ޓިއުޓަރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ޕޮލިޓެކްނިކުގައި ކަމަށެވެ. އެގޮތުން އެ އޮނިގަނޑު ތައްޔާރު ކޮށްފައިވާނީ ވެސް އެ ބޭފުޅުންނަށް އަމާޒުކޮށްގެން ކަމަށާއި ނަމަވެސް ސިވިސް ސާވިސްގެ ދަށުން އެހެން ތަނެއްގައި ވަޒީފާ އަދާކުރާ ބޭފުޅުންނަށް ވެސް މުސާރަ ހަމަޖެހިގެންދާނީ އެ އޮނިގަނޑުގެ ދަށުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލެކްޗަރާއިންނާއި ޓިއުޓަރުންގެ މުސާރައިގެ އޮނިގަނޑު ފާސްކުރަން ޕޭ ކޮމިޝަނަށް ފޮނުވި އިރު، އެ އޮނިގަނޑުގައި އެ މަގާމުތަކުގެ މުސާރައާބެހޭ ގޮތުން ސީއެސްސީން ދެންޖެހޭ ލަފާ ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން އަދަދުތަކެއް ކަމެއް ސައީދު ވިދާޅެއްނުވެ އެވެ.

ސައީދު އިތުރަށް ވިދާޅުވީ، ވަޒީފާގެ އޮނިގަނޑު ސީއެސްސީން ފާސްކުރި ނަމަވެސް މުސާރަ ކަނޑައެޅުމަކީ ގާނޫނީ ގޮތުން ޕޭ ކޮމިޝަނަށް ލިބިގެންވާ ބާރެއް ކަމުން އެ އޮނިގަނޑު ތަންފީޒު ކުރެވިގެންދާނީ ޕޭ ކޮމިޝަނުން ހުއްދަ ލިބިގެން ކަމަށެވެ.