ވިޔަފާރި

އެމްޓީސީސީން ވިއްކާ އިންޖީނާއި ރެސިންގެ އަގުތައް ހެޔޮކޮށްފި

އެމްޓީސީސީން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނާއި ސްކޮޓްބާޑާ ބްރޭންޑުގެ ރެސިންގެ އަގުތައް ހެޔޮ ކޮށްފި އެވެ.

އަގުތައް ހެޔޮކޮށް އެމްޓީސީސީން ވަނީ "މާބޮޑަށްވެސް އަގުހެޔޮވެއްޖެ"ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފްލާއެއްގައި އެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ވިއްކާ ޔަންމާ އާއި ސުޒުކީ އިންޖީނާއި ސްކޮޓްބާޑާ ބްރޭންޑުގެ ރެސިންގެ އަގުތައް ހެޔޮކުރީ ސަރުކާރުން މެރިން އިންޖީނާއި މަސްވެރި ކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން ކަމަށެވެ.

އެ ބަދަލާ ގުޅިގެން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާ ހަމައަށް އަގު ހެޔޮ ވެގެންދާނެ އެވެ. އަދި ޔަންމާ އިންބޯޑު އިންޖީނުންތަކުން ހަތްލައްކަ ރުފިޔާ އާއި ހަމައަށް އަގު ހެޔޮވާނެ އެވެ. އޭގެ އިތުރުން އެކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓަށް ނަގާއިރު ދައްކަންޖެހޭ ޑައުންޕޭމަންޓް ވެސް އެމްޓީސީސީން ވަނީ ކުޑަކޮށްފަ އެވެ.

އެގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭ އިރު ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް ފައިސާ ދެއްކުން 36 މަހާއި ހަމައަށް ބަހާލެވޭނެ އެވެ..

މިއަދުގެ ހަފްލާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ސަރުކާރުގެ ވިސްނުން ވެސް ހުރީ ތަރައްގީ ކުރުމަށްޓަކައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.

އެގޮތުން ސަރުކާރުގެ އެއް އަމާޒަކީ ވީހާވެސް ގިނަ އެއްޗިއްސަކުން ޑިއުޓީ މައާފުކޮށްދީ، ވިޔަފާރިތަކަށް އިންވެސްޓްކުރަން ބޭނުންވާ ޒުވާނުންނަށާއި އެހެނިހެން ފަރާތްތަކަށް އެ ފަސޭހަތައް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީއަކީ މަސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކުންފުންޏެއްކަން ފާހަގަކުރައްވައި އާޒިމް އިތުރަށް ވިދާޅުވީ، މެރިން އިންޖީނުގެ ޑިއުޓީ މައާފު ކުރުމަކީ މީގެ އެތައް އަހަރުތަކެއް ކުރީއްސުރެ މަސްވެރިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެތަކެތީގެ ޑިއުޓީ މައާފުކުރުމާއެކު އެބަދަލު އެމްޓީސީސީން ވިއްކާ ތަކެއްޗަށް ގެނައުން އަވަސްކުރީ ވެސް މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.