އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 122

އަބްދުﷲ ފާރޫގް ހަސަން

(26 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ފީރޯޒާނުގެ ވެރިކަމުގެ ދަށުގައި އީރާނުގެ ދޮޅުލައްކަ ސިފައިންގެ ލަޝްކަރު ހަމްދާނުގެ މަގުން ދަތުރުކޮށްފައިގޮސް މަޑުކުރީ އަލްވަންދު ފަރުބަދައިގެ ދެކުނުން ނަހާވިންދުގެ ކައިރީގައެވެ. ކުޑަދުވަސްކޮޅެއްގެ ފަހުން އެހައިބަ ބޮޑު ލަޝްކަރު ހަނގުރާމަކުރަމުން ގެންދިޔަ ސަހަރާގެ އަހުލުވެރީންގެ ލަޝްކަރުގެ އަދަދު ތިރީސްހާހަށްވުރެ ގިނައެއް ނޫނެވެ.

އިސްލާމާއި މަޖޫސިއްޔަތާ ދެމެދު އަނެއްކާވެސް ވަނީ ވަރުގަދަ ކުރިމަތިލުމެއް ފެށިފައެވެ. نعمـان بــن مقـرن رضى اللّـه عنــه ދެދުވަސްމަތީން ދެއްވި ވަރުގަދަ ޙަމަލަތަކުގައި އީރާނީ ލަޝްކަރުވަނީ ޚަންދަޤުގެ ބޭރުގައިހުރި އެބައިމީހުންގެ މަރުކަޒުތަކުން ފަހަތަށްޖެހޭން މަޖުބޫރުވެފައެވެ. އޭގެފަހުން އެތައްދުވަހެއް ވީއިރުވެސް ދެފަރާތުންވެސް ޙަމަލައާއި ޖަވާބީ ޙަމަލައިގެ ސިލްސިލާ ހިނގަމުން ދިޔައެވެ. އީރާނުގެ ލަޝްކަރު ރަށް ވަށައި އޮންނަ ޚަންދަޤު ހުރަސްކުރަން ހުންނަ މަގުތަކުން ނުކުމެ ކޮންމެ ދުވަހަކުވެސް ޙަމަލަދެމުން ގެންދެއެވެ. މުސްލިމުން ޖަވާބީ ޙަމަލަ ދިނުމުން ފަހަތަށްޖެހި ޚަންދަޤު ހުރަސްކުރާން ހުންނަ މަގުތަކުން ލައިފައި ޚަންދަޤުގެ ފަހަތަށް ހިނގައިދެއެވެ. އެމަގުތައް ޙިމާޔަތްކުރުމަށްޓަކައި އީރާނުގެ އެތަކެއްހާސް ތީރުވެރީން ތިބެނީ ރުކުރުވައިލައިފައެވެ.

ނަހާވިންދުގެ ފަރުބަދަމަތީ ސަރަޙައްދަކީ ބުވައިބާއި ޤާދިސިއްޔާގެ ހަނގުރާމަ ހިނގި ބިންއެއްވަރު މައިދާނާ ވަރަށް ތަފާތު ސަރަޙައްދެކެވެ. އެތަންތާނގެ މަޑުފަސްމަތީގައި ޢަރަބި އަސްތައް ދުވާ ބާރު ދުވެއްޔަކީ ހަނގުރާމައިގެ ނަތީޖާ ނެރުމަށް ލިބޭ ވަރަށްބޮޑު އެހީއެކެވެ. ނަމަވެސް ނަހާވިންދުގައި ރަށަށް ސީދާ ޙަމަލަ ދިނުމުގެ ކުރީން ޚަންދަޤުތަކަށާއި ސިފައިންގެ ދިފާޢީ ވަޅުގަނޑުތަކަށާއި، އެތަންތާނގައި ދޭތެރެދޭތެރެއިން ހަދައިފައި ހުންނަ މަގުމަގަށް ވެރިވާންޖެހެއެވެ. އެތަންތަން ޙިމާޔަތްކުރާން އެތައްހާސް ތީރުވެރީންނެއް ތިބެއެވެ. ސިފައިންގެ އެ ދިފާޢީ ވަޅުގަނޑުގަނޑާއި ޚަންދަޤުގެ ފަހަތުގައި ރަށުގެ ވަރުގަދަ ބެރުފާރު ހުރެއެވެ.

ކިއްލާއިން ނިކުމެ ޙަމަލަ ދިނުމަށާއި ބޭނުންވާ ހިނދު ފަހަތަށްޖެހެން އީރާނީ ލަޝްކަރަށް ވަރަށް ފަސޭހައެވެ. ލަޝްކަރުގެ ބައިބޯކަމާއި ފޯރުމާލު ގިނަކަމާއެކު ހަނގުރާމަ ދިގުދަންމައިލުމަކީ އެބައިމީހުންގެ ކުރިމަތީގައި މައްސަލައެއް ނޫނެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ދިޔުމަކީ މުސްލިމުންނަށް ނުރައްކަލަކަށް ވެދާނެ ކަމެކެވެ. އެހިސާބުގަނޑުން ޢަސްކަރީ ފޯރުމާލު ހޯދުން ދަތިވުމާއި މޫސުމުގެ ތަފާތުކަމުގެ ސަބަބުންނެވެ.

نعمـان بــن مقـرن رضى اللّـه عنــه އެޙާލަތާ ކުރިމަތިލައްވަން އެކަށީގެންވާ ގޮތްތަކެއް ހޯއްދެވުމަށްޓަކައި މުސްލިމުންގެ ތަޖުރިބާކާރު ޖަނަރަލުންގެ ސިންތާއެއް ބޭއްވެވިއެވެ. طليحة بـن خـويـلد رضى اللّـه عنــه ދެއްވި މަޝްވަރާގެ މަތީން އެކަށައެޅުނީ ވިދިގެން އަންނަ ދުވަހުގެ ފަތިސްފަތިހާ قــعقـاع بــن عَمرو رضى اللّـه عنــه ގެ ވެރިކަމުގެ ދަށުގައި ލަޝްކަރުގެ އެއްބަޔަކު އީރާނީންގެ ދިފާޢީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލައެއް ދީފައި ފިލައިގެންދާ ސިފަ ދައްކަމުން ފަހަތުގައިހުރި ފަރުބަދަތަކާ ހަމަޔަށް ފަހަތަށް ޖެހުމަށެވެ. ލަޝްކަރުގެ އަނެއްބައި ފަތިސްމެންދަމުގައި ދެތިން މޭލެއްގެ ދުރުގައި ފަހަތުގައިހުރި ފަރުބަދަތަކާއި ހިލަހިލަގަނޑުގެ ފަހަތަށްގޮސް ފިލައިތިބެ ލަޝްކަރުގެ އަމީރުގެ އަމުރުފުޅަށް އިންތިޒާރު ކުރުމަށެވެ.

އެދުވަހަކީ ބަރަކާތްތެރި ހުކުރު ދުވަހެވެ. قــعقـاع بــن عَمرو رضى اللّـه عنــه ފަޖުރުގެ އަލިކަން ފާޅުވުމާއެކު އެކަލޭގެފާނުގެ ލަޝްކަރާއިގެން އީރާނީންނަށް ވަރުގަދަ ޙަމަލައެއް ދެއްވައިފިއެވެ. ބޭރުން ކިއްލާ ޙިމާޔަތްކުރާންތިބި މީހުންތައް ތަޅުއްވައި ވަރަށްބޮޑަށް ސުންނާފަތިކޮށްލައްވައިފިއެވެ. އީރާނީން ވަރަށްބޮޑަށް ސިހިފައި ތިބެގެން އެބައިމީހުންގެ ސަފުތައް އެއްވަރުކޮށްގެން ޙަމަލަ ދީފިއެވެ. ދެފަރާތުގެ ދެމެދުގައި ވަރަށް ވަރުގަދަޔަށް ހަނގުރާމަ ހިނގާން ފަށައިފިއެވެ. طليحة بـن خـويـلد رضى اللّـه عنــه ގެ ޢަސްކަރީ ރޭއްވެވުމާ އެއްގޮތަށް قــعقـاع بــن عَمرو رضى اللّـه عنــه ގެ ލަޝްކަރު އިރުކޮޅަކުން މަޑުމަޑުން ފަހަތަށްޖެހޭން ފަށައިފިއެވެ. އީރާނީން ވަރުގަދަ ފޯރިއަކާއި ޖޯޝަކާއެކު ޙަމަލަދެމުން ކުރިއަރަމުން ގެންދިޔައެވެ. قــعقـاع ގެ އެންމެފުރަތަމަ ޙަމަލައިން ލިބުނު ގެއްލުމުގެ ސަބަބުން އެމީހުން ތިބީ ރުޅިއައިސް ރަތްވެފައެވެ. ރަށުގެ އެތެރެއާއި ބޭރުގައިތިބި އީރާނީންގެ ލަޝްކަރުވަނީ މުސްލިމުން މުޅީން ބަލިކޮށްލުމުގެ ޢަޒުމުގައި މައިދާނަށް ނުކުމެފައެވެ. އެބައިމީހުންވަނީ އެބައިމީހުން ކޮނެގެން އުޅުނު ދިފާޢީ ވަޅުގަނޑުތަކުންނާއި ޚަންދަޤުން ބޭރަށް ނުކުމެފައެވެ. މުސްލިމުން ފަހަތަށް ޖެހެމުންދާ ވަރަކަށް އީރާނީން ކުރިއަރަމުންއައީ نعمـان بــن مقــرن رضى اللّـه عنــه އެކަލޭގެފާނުގެ ލަޝްކަރާއިގެން ފިލައިވަޑައިގެން ހުންނެވި ފަރުބަދަތަކާ ދިމާޔަށެވެ.

قــعقـاع بــن عَمرو رضى اللّـه عنــه އިރުއިރުކޮޅުން އެނބުރިވަޑައިގެން ވަރުގަދަ ޙަމަލައެއް ދެއްވައެވެ. އެއަށްފަހު ފަހަތަށް ޖެހިވަޑައިގަންނަވާލެއް ބާރުކޮށްލައްވައެވެ. އީރާނީން ފުރިހަމަ ބާރާއި ވަރުގަދަ ޖޯޝަކާއެކު ކުރިއަރަމުން އަންނާން ފަށައިގަނެއެވެ. އީރާނީން ކުރިއަރަމުން އަންނަނީ އެތަންތާނގެ ފަހަތުގައި މުސްލިމު ތީރުވެރީން ފިލައިތިބި ފަރުބަދަތަކާއި ހިލަގަނޑުގަނޑުގެ މެދުގައިވާ ވާދީގެ ތެރެއިންނެވެ. ނަމަވެސް އީރާނީން ޔަގީންކޮށްގެންތިބީ އެބައިމީހުންގެ ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ގެންދެވެނީ ފަތަޙަޔާ ދިމާޔަށް ކަމުގައެވެ.

ދުވާލުގެ އިރުމެދުން ފިލިއިރު އީރާނުގެ ގޮށްފުޅަނގި އައިނެއްކަހަލަ ބައިބޯ ލަޝްކަރު ވަނީ ވަރަށް ޖާގަކުޑަ ވާދީއެއްގެ ތެރޭގައެވެ. އެބައިމީހުން ގެންދިޔައީ ޢިބްރަތްތެރި ނާކާމިޔާބީއަކާ ކުރިމަތިލަމުންނެވެ. قــعقـاع بــن عَمرو رضى اللّـه عنــه ގެ ލަޝްކަރު ކުއްލިޔަކަށް ދެބަޔަށް ބެހިލައިފައި ކަނާތްފަރާތަށާއި ވާތްފަރާތަށް ވާދީގެ ތެރެޔަށް ފެތުރިލައިފިއެވެ. އެލަޝްކަރު ފަހައި އައި އީރާނީންގެ ކުރިމަތީން ފާޅުވީ ޙަމަލަ ދިނުމަށްޓަކައި އެބައިމީހުންގެ ކޮމާންޑަރ އިން ޗީފްގެ އަމުރުފުޅަކަށް ބަލަބަލައިތިބި މުސްލިމުންގެ ސަފުތަކެވެ. نعمـان بــن مقــرن رضى اللّـه عنــه ތިންފަހަރަށް ތަކުބީރު ވިދާޅުވުމާއެކު މުސްލިމު އަސްވާރުން އީރާނީ ލަޝްކަރަށް ވަރުގަދަ ޙަމަލައެއް ދީފިއެވެ. އެއާއެކު ވަށައިގެންހުރި ފަރުބަދަތަކާއި ހިލަހިލަގަނޑުގެ ބިތްދޮށުން އީރާނީ ލަޝްކަރާ ދިމާޔަށް ދުނީގެ ވާރޭ އަންނާން ފަށައިފިއެވެ. މުސްލިމުންގެ އެންމެފުރަތަމަ ޙަމަލައިން އީރާނީ ލަޝްކަރު ހާވިޔާކޮށްލައިފިއެވެ. އީރާނީން ފަހަތަށް އެނބުރިލައިފައި ވާދީން ނުކުންނާން ދިމާކުރިއެވެ. ނަމަވެސް ފަހަތުގައިހުރި ފަރުބަދަތަކުގެ ތެރެއިން އަންނާންފެށި ތީރުތަކުގެ ބޯވާރޭގެ ސަބަބުން އެމީހުންނަށް މަޖުބޫރުވީ ވާދީގެ ތެރެޔަށް ބޮނޑިވާށެވެ. އަނެއްކާވެސް ވަރުގަދަޔަށް ހަނގުރާމަ ހިނގާން ފަށައިފިއެވެ. ހިލަ ބިންމަތީގައި ލޭގެ ކޯރުތައް ދުވާން ފަށައިފިއެވެ. نعمـان بــن مقــرن رضى اللّـه عنــه ބައެއްފަހަރު އީރާނީންގެ ކަނާތްފަރާތަށް އަނެއްބައިފަހަރު ވާތްފަރާތަށް ޙަމަލަ ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ކުރިމަތިލައްވާ ކޮންމެ ދިމާޔަކުން އީރާނީ ސަފުތައް ހާވިޔާ ކޮށްލައްވައެވެ. ލެއިން ތަތްތެޅިފައި އޮތް ހިލައެއްގެ މަތީން އެކަލޭގެފާނުގެ އަހުގެ ފައިކައްސައިލި ވަގުތު އީރާނީއެއް އޭނާގެ ލޮންސީގެ އެތިފަހަރެއް އެކަލޭގެފާނުގެ މޭފުޅަށް އަރުވައިލައިފިއެވެ. އެކަލޭގެފާނު ޒަޚަމުވެވަޑައިގެން ވެއްޓިވަޑައިގަތުމާއެކު އެކަލޭގެފާނުގެ ކޮއްކޯފުޅު نـعيم އިސްލާމީ ދިދަ އުފުލައިލައްވައިފިއެވެ. ވަރުގަދަޔަށް ހިނގަމުންދިޔަ ހަނގުރާމައިގެ ތެރޭގައި މުސްލިމުންނަށް އެބައިމީހުންގެ ކޮމާންޑަރ އިން ޗީފް ޒަޚަމުވެވަޑައިގެންނެވިކަން އިޙުސާސް ކުރެވުނަކަ ނުދެއްވިއެވެ. މުސްލިމު މުޖާހިދެއް އަސްމަތީން ފުންމައިލައިފައި އެބައިމީހުންގެ ގަދަފަދަ ލީޑަރަށް އެހީވެވަޑައިގެންދެއްވާން އުޅުއްވިއެވެ. ނަމަވެސް نعمـان ކޯފާވެފައި ވިދާޅުވިއެވެ. "އަހަރެންގެ އަޚާއެވެ. ތިބާގެ ވާޖިބާމެދު ތިޔަ ފަރުވާކުޑަ ކުރަނީއެވެ. އަހަރެންގެ އަމުރު އޮތްގޮތް އެނގޭނޫންހެއްޔެވެ؟"

މުސްލިމު ޒުވާނާ ކުޑަކޮށްވެސް ލަސްކޮށްލުމެއްނެތި ހަމަ އެވަގުތު އަސްމައްޗަށް ސަވާރުވެއްޖެއެވެ.

އީރާނީން އެހައިތަނުން ފެށިގެން ހަނގުރާމަ ކުރަމުން ގެންދިޔައީ ފަތަޙަ ހޯދުމުގެ ބަދަލުގައި ފުރާނަ ސަލާމަތް ކުރުމަށްޓަކައެވެ. ހަވީރުއަތަށް އަޅައިލިއިރު އީރާނީންގެ ސުމާރެއް ނެތްހައި ގިނަ ހަށިތައް ވާދީގެ ތެރެޔަށް ވަނީ ވިހުރުވިފައެވެ. އީރާނީން މުސްލިމުންގެ ގޮނި ފޫވައްޓައިލައިފައި ކައިރީގައިހުރި ފަރުބަދައެއްގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މުސްލިމުން އެމީހުންގެ ފަހަތަކުން ދުރަކަށް ނުދިޔައެވެ. ކައިރިކައިރީގެ ފަރުބަދަތަކުން އެމީހުންނާ ދިމާޔަށް އަންނަމުންދިޔަ ދުނީގެ ވާރެޔަށްވެސް ހުއްޓުމެއްނައެވެ. އެމީހުންގެ ކުރިމައްޗަކުންވެސް ފަހަތަކުންވެސް ފިލައިގެންދެވޭނެ މަގެއް ނެތެވެ. ހުރިހައި މަގުތަކެއްހުރީ ބަންދުވެފައެވެ.

ފީރޯޒާން އިރުއޮއްސި އަނދިރިކަން ވެރިވުމުން އަނދިރިކަމުގެ ފައިދާ ހޯއްދަވައިގެން އޭނާގެ ލަޝްކަރުގެ ބާކީތިބި މީސްކޮޅާއިގެން ފިލައިވަޑައިގަންނަވާން މަސައްކަތް ކުރެއްވިއެވެ. އޭގެތެރެއިން އެއްބަޔަކު މިސުރާބުޖެހީ ނަހާވިންދަށެވެ. އަނެއްބަޔަކު ދަތި އުނދަގޫ ފަރުބަދަތަކުގެ ތެރެއިން ދަތުރުކުރީ ހަމްދާނަށެވެ. މުސްލިމުން އެ ދެބައިމީހުންގެވެސް ފަހަތުން ފަހަމުން ދިޔައެވެ. ނޭވާފުޅު ހޮޅިޔަށް އެޅިފައި އޮންނެވިއިރުވެސް މުސްލިމުންގެ ފަތަޙައިގެ ޚަބަރަށް އިންތިޒާރު ކުރައްވަމުން ގެންދެވި ހިތްވަރުފުޅު ބަޠަލު نعمـان بــن مقــرن رضى اللّـه عنــه ގެ ހަށިކޮޅު ފަސްދާނުލެވުނީ އެވާދީގައެވެ. އެކަލޭގެފާނުގެ ގާއިމުމަގާމު حـذيـفــة بــن اليمــان رضى اللّـه عنــه މުސްލިމުންނާއިގެން ވަޑައިގެންނެވީ ނަހާވިންދަށެވެ. حـذيـفــة رضى اللّـه عنــه ވަޑައިގެން އެރަށް ފަތަޙަކުރައްވައި ރަށުގެ ކޯއްޓޭތަކުގައި އިސްލާމީ ދިދަ ނެންގެވިއެވެ. قــعقـاع بــن عَمرو رضى اللّـه عنــه ފަރުބަދަތަކުގެ ތެރެއިން ފީރޯޒާނު ފައްސަވަމުން ވަޑައިގެންނެވިއެވެ. ފީރޯޒާނު ހަމްދާނުގެ ސަރަޙައްދުގެ ކައިރީން ފަރުބަދަތެރޭގެ ހަނިމަގަކުން ދަތުރު ކުރައްވަނިކޮށް މާމުއި އަރުވައިގެންއައި ހިމާރުތަކުގެ ޤާފިލާއެއް އޭނާ ދަތުރުކުރެއްވި މަގަށް ހުރަސްއަޅައިފިއެވެ. އޭނާ އަސްމަތީން ފުންމައިލައްވައިފައި ފިލައިވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް نـعيم بــن مقــرن رضى اللّـه عنــه އޭނާ ފައްސަވަމުން ވަޑައިގެން ޤަތުލުކޮށްލައްވައިފިއެވެ.

قــعقـاع بــن عَمرو رضى اللّـه عنــه ހަމްދާނުގެ ބޭރުފާރާ ހަމަޔަށް އީރާނީން ފައްސަވަމުން ވަޑައިގެންނެވިއެވެ. އެރަށުގެ ޙާކިމަށް ފީރޯޒާން ޤަތުލުވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު قــعقـاع ގެ އަރިހަށް ޞުލްޙަޔަށްއެދި ޚަބަރު ފޮނުއްވައިފިއެވެ. قــعقـاع رضى اللّـه عنــه އެރަށުގެ ޙާކިމަށާއި ރަށުގެ އަހުލުވެރީންނަށް ޖާނާއި މާލުގެ ޙިމާޔަތް ދެއްވުމުން ރަށުގެ ދޮރޯށިތައް ހުޅުވައިލައިފިއެވެ. ނަހާވިންދުގެ މަޢުރިކާގައި އީރާނުގެ ލައްކަޔަކަށްވުރެ ގިނަ ސިފައިންވަނީ ޤަތުލުވެފައެވެ. އެމަތިވެރި ފަތަޙައިގެ ސަބަބުން އިސްލާމީ ލަޝްކަރަށް ވަނީ ކިސްރާގެ ރަސްކަމުގެ އެންމެ ދުރު އައްސޭރިޔާ ހަމަޔަށް ދަތުރު ކުރުމަށްޓަކައި މަގު ސާފުވެފައެވެ.

+ + + + +

ކިސްރާ ޔަޒުދުގިރުދު ހުންނެވީ އަލްބުރުޒު ފަރުބަދަކައިރީގައި ރައްޔުގެ ސަރަޙައްދުގައި މަރުކަޒު ހައްދަވައިގެންނެވެ. ކިސްރާ އިންތިޒާރު ކުރައްވަމުން ގެންދެވީ ނަހާވިންދު ހަނގުރާމައިގެ ނަތީޖާއަށެވެ. އުތުރުގެ ހަނގުރާމަވެރި ޤަބީލާތައް އައީ ކިސްރާގެ ދިދައިގެ ދަށަށް ޖަމާވަމުންނެވެ. ނަހާވިންދުގައި ފީރޯޒާން ފަތަޙަ ހޯއްދެވުމުން މުސްލިމުންނާ ދެކޮޅަށް ދެވޭ އެންމެފަހުގެ ޙަމަލައިގައި ބައިވެރިވުމުގެ އުންމީދުގައެވެ. ކިސްރާއަށް ވިދިވިދިގެން އިވިވަޑައިގެންނެވީ ނަހާވިންދުގެ މައިދާނުގައި އޭނާގެ ލަޝްކަރު ޢިބުރަތްތެރި ގޮތަކަށް ބަލިވި ޚަބަރާއި މުސްލިމުން ހަމްދާނާ ދިމާޔަށް ކުރިއަރަމުންދާ ވާހަކައެވެ. ކިސްރާއަށް ލިބިވަޑައިގެންނެވި ސިހުމާއެކު އޭނާ މިސުރާބު ޖެއްސެވީ އަސްފަހާނާ ދިމާޔަށެވެ. އެކަމަކު އެހައިތަނަށް ދިޔައިރު ކިސްރާ އޭނާޔަށް ރައްކައުތެރިކަމުގައި ބައްލަވާ އެއްވެސް ޕްރޮވިންސެއްވެސް އަދި ރަށެއްވެސް އީރާނަކު ނެތެވެ. ކިސްރާ ވަޑައިގަންނަވާ ކޮންމެ ތަނަކުންވެސް އެތަނެއްގެ އަހުލުވެރީން ޖޯޝާއި ފޯރިޔާއެކު އޭނާގެ ޙިމާޔަތުގައި ތެދުވެއެވެ. ހަމައެއާއެކު މުސްލިމުން ފަތަޙަކޮށްފައިވާ ތަންތާނގެ އަމީރުންވެސް ބަޣާވަތްކުރައްވަން ތައްޔާރުވެވަޑައިގަންނަވައެވެ. ނަމަވެސް މުސްލިމުން އެދިމާޔަކަށް ދަތުރުކުރާ ޚަބަރު ކިސްރާއަށް ލިބިވަޑައިގެންނެވުމާއެކު އެތަނަކުން ފިލައިވަޑައިގެން މިސްރާބު ޖައްސަވަނީ އެހެން ކޮންމެވެސް ދިމާޔަކަށެވެ. މާސިންގާ ރަސްކަމެއްގެ ތަނަވަސް ސަރަޙައްދުގައި ކިސްރާއަށް އެތައް އަހަރުތަކެއް ވަންދެން އެގޮތަށް ފީކޯތް ކުޅުއްވުމުގެ ފުރުސަތު އޮތެވެ. ކިސްރާގެ ޝަހެންޝާހިއްޔަތުގެ ނިމުމަކީ ތިމާމެންގެ ވެރިކަމުގެ ބާރު ބީވެވިދިޔުން ކަމުގައި ދެކެވަޑައިގަންނަވާ އަމީރުންގެވެސް އެތައްސަތޭކަ ބޭފުޅުންނެއް ތިއްބެވިއެވެ. އެބޭފުޅުން އިންތިޒާރު ކުރައްވަމުން ގެންދެވީ ކޮންމެވެސް މައިދާނެއްގައި މުސްލިމުން ބަލިވި ޚަބަރު ލިބިވަޑައިގަންނަވާނެ ދުވަހަކަށެވެ. މުސްލިމުންގެ ފުތޫހާތުގެ ސައިލް މަޑުޖެހިލާނެ ދުވަހަކަށެވެ. އެހައިތަނުން ފެށިގެން އުތުރުގެ ގަނޑުފެނުގެ ސަރަޙައްދުން ފެށިގެން ފާރިސީ ގަލްފާއި ބަހުރައިނިއާ ހަމަޔަށް ވަރުގަދަ ޖޯޝަކާއި ފޯރީގެ ހުޅުގަނޑެއް ރޯވާނެ ކަމުގައެވެ. ޤަރުނެއްގެ ހަތަރުބައިކުޅަ އެއްބައި ކުރީން ގުސްތަންޠީނިއްޔާގެ ފާރުތަކުގައި ބީހެމުންދިޔަފަދަ ވަރުގަދަ އަލިފާންގަނޑެކެވެ.

(ނުނިމޭ)