އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއާއި ނިއުކާސަލް ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗު 1-1އިން އެއްވަރުވެގެން ނިމުނު އިރު، ނިއުކާސަލުން ނަތީޖާ ހަމަހަމަ ކުރި ގޯލް ޖެހީ މެޗުގެ ފަހު މިނެޓުގައެވެ. އެޓީމަށް ލިބުނު ޕެނެލްޓީއަކުން ކަލުމް ވިލްސަން ގޯލް ޖެހީ ވީއޭއާރު ރިވިއުއެއްގެ އެހީގައި ރެފްރީ ދިން ޕެނެލްޓީއަކުންނެވެ.

މިރޭގެ މެޗުގެ ފަހު މިނެޓުގައިވެސް ވީއޭއާރުގެ އެހީގައި ޕެނެލްޓީއެއް ދީފައިވާ އިރު، ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައިވެސް ރެފްރީ ވަނީ ފަހު ސިކުންތުގައި ވީއޭއާރުގެ އެހީގައި ޕެނެލްޓީއެއް ދީފައެވެ. މެޗުގެ ފަހު ކަށިގަނޑު ފުމުމަށްފަހު ރޭގެ މެޗުގައި ވީއޭއާރު ރިވިއުއަކަށް ރެފްރީ ދިޔަ އިރު، ރޭގެ މެޗުގައިވެސް ޕެނެލްޓީ ދިނީ ހޭންޑް ބޯޅައަކަށެވެ. މިރޭގެ މެޗުގެ ފަހު މިނެޓުގައިވެސް ނިއުކާސަލްއަށް ޕެނެލްޓީ ލިބުނީ ޓޮޓެންހަމް އޭރިއާ ތެރެއިން އެރިކް ޑަޔާ އަތުގައި ބޯޅަ ޖެހުމުން، އެކަން ވީއޭއާރުން ރިވިއު ކޮށްގެންނެވެ.

މިރޭގެ މެޗުގައި ވަރުގަދައަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީވެސް ޓޮޓެންހަމްއިންނެވެ. ލޫކަސް މޯރާގެ ގޯލުން ޓޮޓެންހަމް ލީޑު ނެގި އިރު، އެޓީމުން ވަނީ 12 ހަމަލާއެއް ގޯލަށް އަމާޒު ކޮށްފައެވެ. އޭގެ ތެރެއިން 11 ހަމަލާ ދިފާއުކޮށް، ނިއުކާސަލް ސަލާމަތްކޮށްދިނީ ގޯލްކީޕަރު ޑާލޯއެވެ.

ޓޮޓެންހަމްއާ އަލަށް ގުޅުނު ރެގިލަން މިރޭގެ މެޗަށް ސްކޮޑުގައި ހިމަނާފައިވާ އިރު، ބޭލް އިނީ މެޗު ބަލާށެވެ. ބޭލް ފިޓްވާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅަށެވެ.

މެޗުގައި ޓޮޓެންހަމްއިން އެތަކެއް ހަމަލާތަކެއް އުފައްދާ ނާކާމިޔާބުވި އިރު، އެޓީމުގެ ފަރާތުން ގޯލެއް ޖެހުމަށް ކުރި މަސައްކަތް ވަރަށް ބޮޑަށް ފެނިގެންދިއެވެ. އެހެން ނަމަވެސް ފަހު ވަގުތު ނިއުކާސަލުން ޕެނެލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ.

ޓޮޓެންހަމްއިން މިރޭގެ މެޗަށް ނުކުތީ ހަފުތާ ތެރޭގައި މެސެޑޯނިއޯގައި އެ ގައުމުގެ ސްކެންޑީޖާއާ ދެކޮޅަށް ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަން މެޗެއް ކުޅުމަށްފަހުއެވެ. ދެން ޓޮޓެންހަމްއަށް މި ހަފުތާ ތެރޭގައި ކުޅެން ޖެހޭނީ ލީގު ކަޕްގައި ޗެލްސީއާ ދެކޮޅަށެވެ. އޭގެ ފަހުން އަނެއްކާވެސް ހުކުރު ދުވަހުގެ ރޭ ޔޫރޮޕާ ލީގު ކޮލިފިކޭޝަން މެޗެއް ކުޅެން ޖެހެއެވެ.

އިނގިރޭސި ކްލަބުތަކަށް ޝެޑިއުލް ބުރަކޮށް ފެންނަ އިރު، އެކަމާ ދެކޮޅަށް ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ އަދި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ވާހަކަދައްކައިފައެވެ.