ވިޔަފާރި

އެމްޓީސީސީން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން މިއަދު ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިއަދު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 95 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ.

ހިއްސާއަކަށް ދެ ރުފިޔާ ބަހަން މި އަހަރު ނިންމާފައިވާ އިރު، 2018 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑް ބަހައިފައެއް ނުވެ އެވެ. އެ އަހަރު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބުނީ 34 މިލިއަން ރުފިޔާ އެވެ. ހިއްސާދާރުންނަށް އެ ފަހަރު ފައިދާ ނުބަހަން ނިންމީ ކުންފުނީގެ މާލި ހާލަތު ދަށްވުމުންނެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބުތައް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. ޓެކްސް ކެނޑުމަށް ފަހު، ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބުނީ 53 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރަށްވުރެ 55.57 ޕަސެންޓްގެ އިތުރުވުމެކެވެ. ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 2018 ވަނަ އަހަރު ލިބުނީ 34 މިލިއަން ރުފިޔާ އެވެ.