ކޮންމެ އަހަރަކުވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 2019 އަށް ލިބިފައިވާ ހުށަހެޅުންތަކަށް އިންސާފު ކުރާނެ ޖަޖުންގެ ޕެނަލެއް ކަނޑައަޅައިފިއެވެ.

ނޫސްވެރިކަމުގެ އިނާމުގެ ޖަޖިން ޕެނަލް ކަނޑައަޅައި، އެކަން އާންމުކޮށްފައިވަނީ އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެގޮތުން ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ގޮތުގައި ފަސް ފަނޑިޔާރެއް ކަނޑައަޅައި، އެ ފަނޑިޔާރުންނަށް މަސައްކަތް ހަވާލުކޮށްފައިވާނެ ކަމަށް އެމްއެމްސީން ބުނެއެވެ. މި ފަސް ފަނޑިޔާރުންނަކީ؛

  • އަބްދުﷲ ނައީމް އިބްރާހީމް
  • މުހައްމަދު ނާޝިދު
  • އަލީ ނިޝާން
  • މުހައްމަދު އަފްރާހު
  • އަޝްވާ ފަހީމް

އެގޮތުން މިފަހަރުގެ ޖަޖުންގެ ޕެނަލުގައި ހިމެނޭ ފަސް ފަރާތަކީވެސް އެކި ގޮތްގޮތުން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށް އެމްއެމްސީން ބުނެއެވެ. މީގެ އިތުރުން އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ލިބިފައިވާ ހުށަހެޅުންތަކަށްވެސް އިންސާފު ކުރާނީ އެ ފަނޑިޔާރުންގެ ޕެނަލުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އެމްއެމްސީން ހުޅުވާލުމުން އިނާމުދޭ 11 ދާއިރާއަށް 80 ފަރާތަކުން ވަނީ ނަން ހުށަހަޅައިފައެވެ. އެގޮތުން އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައިވަނީ ޕްރިންޓް އަދި އޮންލައިން ކެޓެގަރީގެ ފީޗާ/ރިޕޯޓު ދާއިރާއަށެވެ. އެ ދާއިރާއަށް 24 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ކުރިމަތިލާފައިވަނީ ފަސް ނޫސްވެރިއެކެވެ.

އެމްއެމްސީން ދޭ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ކުރިމަތިލެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު މަދުވެގެން ޖުމުލަ ނުވަ މަސް ދުވަހު މަސައްކަތްކޮށްފައިވާ އަދި އެ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށެވެ. އެ އިނާމަށް ނޫސްވެރިޔަކު ހުށަހަޅާނީ އޭނާ މަސަައްކަތްކުރާ މީޑިއާއެއްގެ އިދާރާއިންނެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ.