އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 121

އަބްދުﷲ ފާރޫގް ހަސަން

5

(24 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ޢަޞުރު ނަމާދަށްފަހު އިސްލާމީ ލަޝްކަރު ދަތުރަށް ތައްޔާރުވެއްޖެއެވެ. قــعقـاع بــن عَمرو رضى اللّـه عنــه އަށް ލަފާކުރެއްވުނީ ރަނގަޅެވެ. ޖަލޫލާއު ފަތަޙަވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު ޔަޒުދުގިރުދު ޙުލުވާނުން ފިލައިވަޑައިގެން ރައްޔަށް މިސުރާބު ޖައްސަވައިފިއެވެ. ޙުލުވާނު ދިފާޢުކުރައްވަން ހަވާލުކުރެއްވީ ޚުސްރޫޝަނޫމެވެ ކިޔުނު ތަޖުރިބާކާރު ޖަނަރަލަކާއެވެ. އޭނާ ޙުލުވާނާ ތިންމޭލު ދުރުން ޤަޞުރު ޝީރީންގެ ކައިރީން އިސްލާމީ ލަޝްކަރު ހުއްޓުވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، قــعقـاع އެންމެ ޙަމަލައަކުން އެލަޝްކަރު ބުރުއްސައިލައްވައިފިއެވެ. އެކަލޭގެފާނު ލަޝްކަރާއިގެން ޙުލުވާނަށް ވަޑައިގެންނެވުމުން ރަށުގެ އަހުލުވެރީން މުސްލިމުންނާ ހަނގުރާމަކުރުމުގެ ބަދަލުގައި ރަށުގެ ދޮރޯށިތައް ހުޅުވައިލީއެވެ. އެހެންކަމުން އިރުއޮއްސުމުގެ ކުރީންވަނީ އެރަށުގެ ކިއްލާގައި އިސްލާމީ ދިދަ ވިހުރުވޭން ފަށައިފައެވެ.

ޖަލޫލާއު އާއި ހުލުވާނުގެ ފުތޫހާތު ހިނގި ދުވަސްވަރު ރޫމީންގެ ލަޝްކަރެއްވަނީ މައުޞިލުން ނުކުމެގެންއައިސް ތަކުރީތުގައި ފައިތިލަ ސާބިތުކޮށްފައެވެ. އީރާނާއި ރޫމީންގެ ސަރަޙައްދުގެ ކައިރީގައި އަލްޖަޒީރާގައި ވަޒަންވެރިވެގެން އުޅުނު ޢީސާއީ ޤަބީލާތަކުންވަނީ ރޫމީންގެ ލަޝްކަރަށް އެހީވުމުގެގޮތުން ޖަމާވާން ފަށައިފައެވެ.

މިޙާލަތު ކުރިމަތިވުމުން ޚިލާފަތުގެ ދަރުބާރުން عبد اللّـه بـن مـعــتـــم رضى اللّـه عنــه އަށް ފަސްހާސް މުޖާހިދުންނާއިގެން އެދިމާޔަށް ވަޑައިގެންނެވުމުގެ އަމުރުފުޅު އަތުވެއްޖެއެވެ. (އެލަޝްކަރުގައި ހިމެނުއްވީ ބަކުރު ބިން ވާއިލާއި ޢަންޒު ބިން ވާއިލު ޤަބީލާގެ ހިތްވަރުގަދަ ފަހުލަވާނުންނެވެ.) عبد اللّـه ވަޑައިގެން ތަކުރީތު ޙިޞާރުކުރައްވައިފިއެވެ. އެރަށް ފަތަޙަވީ ސާޅީސް ދުވަހުންނެވެ. عبد اللّـه بـن مـعــتـــم އެރަށުގެ ޙިޞާރުގައި ހުންނެވިދުވަސްވަރު ވަނީ ޢީސާއީ ޢަރަބީންގެ ތެރޭގައި އިސްލާމްދީނުގެ ދަޢުވަތު ފަތުރައްވައިފައެވެ. އެހެންކަމުން ތަކުރީތުގެ އެންމެފަހުގެ ޙަމަލައިގައި ޢީސާއީ ޢަރަބީން ބައިވެރިވީ މުސްލިމުންނާއެވެ. عبد اللّـه بـن مـعــتـــم އެރަށް ފަތަޙަކުރެއްވުމަށްފަހު ربـعـى بـن أفكـل (ޢަންޒީ) ގެ ވެރިކަމުގައި މުސްލިމުންގެ ހަތަރުހާސް ބަޠަލުން ކުރިޔަށް ފޮނުއްވިއެވެ. އެލަޝްކަރުން ދާދި ކުރު މުއްދަތެއްގައިވަނީ މައުޞިލާއި ނީނަވާގެ ކައިރި ހިސާބުހިސާބުގައިހުރި ރޫމީންގެ ކިއްލާތައް ފަތަޙަކޮށްފައެވެ. ޖަޒީރާގެ އެކިއެކި މައިދާންތަކުން ބަލިވި ލަޝްކަރުތައް ޖަމާވާންފެށީ ފުރާތުކޯރުގެ އައްސޭރީގެ ހައިތަނެވެ. އެހެންކަމުން سعـد بـن أبى وقّـاص رضى اللّـه عنــه ޖަލޫލާއުއާއި ހުލުވާނު ފަތަޙަވުމާއެކު عَمرو بن مـالك بـن عـتـبـة رضى اللّـه عنــه ގެ ވެރިކަމުގެ ދަށުގައި އެދިމާޔަށް ލަޝްކަރެއް ފޮނުއްވިއެވެ. އެލަޝްކަރުން ވަނީ ގަރުގީސިޔާއާއި ހައިތު ފަތަޙަކޮށްފައެވެ. އެއަށްފަހު عيــاض بـن غـنــم ގެ ލަޝްކަރު ކުރިއަށް ގޮސްވަނީ ރުހާގެ ކައިރީގައި މަންޒިލުކޮށް ޖަޒީރާގެ ސަރަޙައްދުގެ ބާކީއޮތްބައި ފަތަޙަކޮށްފައެވެ.

ޤާދިސިއްޔާގެ ހަނގުރާމައިގެ ކުރީން ޚިލާފަތުގެ ދަރުބާރުންވަނީ عـتـبـة بــن غـزوان رضى اللّـه عنــه ގެ ވެރިކަމުގައި އަލްއުބުއްލާއަށް ލަޝްކަރެއް ފޮނުއްވައިފައެވެ. عـتـبـة ވަނީ އުބުއްލާއާއި ބަސަރާއާއި އެދެރަށުގެ ވަށައިގެންހުރި ތަންތާނގެ ވަރަށްބޮޑު ސަރަޙައްދެއް ފަތަޙަކުރައްވައިފައެވެ. އެއަށްފަހު عـتـبـة ކުރިޔަށް ވަޑައިގެންނެވީ ޚޫޒިސްތާނާ ދިމާޔަށެވެ. عـتـبـة بــن مـغـيـرة شعبــة އެސަރަޙައްދުގެ ޢާމިލަކަށް ވެވަޑައިގެންނެވުމުން ޚޫޒިސްތާނުގެ މުހިންމު ރަށެއްކަމުގައިވާ އަހްވާޒަށް ޙަމަލަ ދެއްވިއެވެ. އެރަށުގެ ޙާކިމު ޖިޒީ ދިނުމުގެ މައްޗަށް ޞުލްޙަވަމުން އެހައިތަނުން ކުރިޔަށް ވަޑައިގެންނެވުން މަޑުކޮށްލެއްވިއެވެ.

ނަމަވެސް ހިޖުރައިން ސަތާރަވަނަ އަހަރު مـغـيـرة بــن شعبــة رضى اللّـه عنــه ގެ ބަދަލުގައި أبـو موسى الأشعـرى رضى اللّـه عنــه އަށް ބަސަރާގެ ގަވަރުނަރުކަން ލިބިވަޑައިގެންނެވުމުން އަހުވާޒުގެ ރައީސު ޖިޒީދެއްވުން ހުއްޓައިލެއްވިއެވެ. ފާޅުގައި ބަޣާވަތް ކުރައްވައިފިއެވެ. أبـو موسى އެސަރަޙައްދަށް ޙަމަލަދެއްވައި ޚޫޒިސްތާނުގެ މުހިންމު ދެރަށެއް ކަމުގައިވާ ސޫސަނާއި މަނާޒިރު ފަތަޙަކުރެއްވިއެވެ. އެއަށްފަހު އިސްލާމީ ލަޝްކަރު މިސުރާބުޖެހީ އަހްވާޒުގެ މައިރަށްކަމަށްވާ ޝޫސްތަރަށެވެ. އެތާނގައި ހުންނެވީ ކިސްރާގެ މަޝްހޫރު ޖަނަރަލެއްކަމުގައިވާ ހުރުމުޒާނެވެ. އޭނާ އޭނާގެ ލަޝްކަރުގެ ބައިބޯކަމުގެ ސަބަބުން ކާމިޔާބު ހޯއްދެވޭނެކަމަށް ހީފުޅުކުރައްވައިގެން ރަށުންބޭރަށް ނުކުމެވަޑައިގެން މުސްލިމުންގެ ކުރިއެރުން ހުއްޓުވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ހަނގުރާމަ ފެށުނުތަނާހެން މުސްލިމުންގެ ދެލަޝްކަރެއް أبـو موسى އަށް އެހީވާން ހިނގައްޖެއެވެ. އެއްލަޝްކަރު ދިޔައީ ކޫފާއިންނެވެ. عمّــار بــن يــاســر رضى اللّـه عنـه ގެ ވެރިކަމުގެ ދަށުގައެވެ. އަނެއް ލަޝްކަރު ޖަލޫލާއިންނެވެ. جريــر بــن عبداللّـه رضى اللّـه عنــه ގެ ވެރިކަމުގެ ދަށުގައެވެ. ހުރުމުޒާނުގެ ލަޝްކަރު ބަލިވުމުން އޭނާ ކިއްލާގައި ޙިޞާރުވެވަޑައިގެންފިއެވެ. އޭނާއަށް ސަލާމަތްވެވަޑައިގެންނެވޭނެކަމުގެ އުންމީދެއް ނެތުމުން އޭނާ ރައްކާތެރިކަމާއެކު أميـرالمؤمنـين ގެ އަރިހަށް ފޮނުވުން ޝަރުޠުކުރައްވައި ހަތިޔާރު ބަހައްޓަވައިފިއެވެ. އޭނާ أميـرالمؤمنـين ގެ އަރިހަށް ވަޑައިގެން އިސްލާމްވެވަޑައިގެންފިއެވެ. ޚޫރިސްތާނުގެ ސަރަޙައްދު ފާރިސް ޕްރޮވިންސާ ހަމަޔަށް މުސްލިމުންގެ ވެރިކަމުގެ ދަށަށް އަތުވެއްޖެއެވެ.

އެހައިތަނުން ފެށިގެން އިސްލާމީ ލަޝްކަރުގެ މިސާލަކަށްވީ ފަރުބަދައެއްގެމަތީން ފައިބައިގެން އެތައް ކަފިތަކަކަށް ބައިވެގެން ހިނގަމުން އަންނަ ކޯރެއްގެ މިސާލެވެ. ދިމާވާ ކޮންމެ އުސްތަނަކާއި އަޑިތަނެއް އޭގެ ބަނޑުދަށުލަމުން އަންނަ ކޯރެއްގެ މިސާލެވެ. ޙައްޤުގެ މަގުގެ ދަތުރުވެރީންނަށް އަލްބުރުޒު ފަރުބަދައިން ފެށިގެން މަކްރާނުގެ ސަހަރާއާ ދެމެދުން އެތަކެއް އައު މަންޒިލުތަކެއް ދިޔައީ ފެންނަމުންނެވެ.

ކޫފާއާއި ބަސަރާއަކީ އެދެތާނގެ ވައިފެނަށް ބަލައިގެން އިސްލާމީ ލަޝްކަރުގެ މުސްތަޤިއްލު ޢަސްކަރީ ދެމުޢަސްކަރު ހެދުނު ދެރަށެވެ. އެދެ ރަށްވަނީ ރަށްވެހިވެފައިވާ ދެރަށަށް ބަދަލުވެފައެވެ. ޚާއްޞަކޮށް ކޫފާއަކީ އިސްލާމީ ލަޝްކަރުގެ އެންމެބޮޑު މުޢަސްކަރު ކަމުގައިވުމުގެ އިތުރަށް އީރާނާއި ޢިރާޤުން ފަތަޙަކުރެވިފައިވާ ސަރަޙައްދުގެ ގަވަރުނަރ ހުންނަވާ މައި މަރުކަޒު ކަމުގައިވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޢިރާޤުގެ އެހެނިހެން ރަށްރަށަށްވުރެ ޚާއްޞަ އަހަންމިއްޔަތެއް ވަނީ އެރަށަށް ލިބިފައެވެ.

فـاروق الأعظـم ފުތޫހާތުގެ ދާއިރާ ތަނަވަސްކުރެއްވުމަށްވުރެ ބޮޑަށް އަބަދުވެސް އިސްކަން ދެއްވަމުން ގެންދެވީ ދައުލަތުގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ކުރެއްވުމަށެވެ. އަމަންއަމާންކަން ގާއިމުކުރައްވައި ރައްޔިތުންނަށް ތަނަވަސްކަމާއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ މައްޗަށެވެ. ފަތަޙަކުރެއްވޭ ތަންތާނގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރައްވައި ޢަދުލުއިންޞާފުގެ ނިޒާމު ވަރުގަދަކުރެއްވުމަށް ސަމާލުކަން ނުދެއްވައި އީރާނުގެ ޕްރޮވިންސަކަށްފަހު ޕްރޮވިންސެއް ފަތަޙަކުރައްވާކަށެއް أميـرالمؤمنـين ބޭނުންފުޅެއް ނޫނެވެ. އެހެންކަމުން އަލްޖަޒީރާއާއި ޚޫޒިސްތާނު ފަތަޙަކުރެއްވުމަށްފަހު އެކަލޭގެފާނު ހުރިހައި ސަމާލުކަމެއް ދެއްވީ ދާޚިލީ މައްސަލަތަކަށެވެ. އިސްލާމީ އިންޤިލާބުގެ ރަޙުމަތުގެ ހިޔާވަހިކަން ރައްޔިތުންނަށް ޢަމަލީގޮތުން ސާބިތުކޮށްދެއްވުމަށެވެ. އެތަންތާނގެ ރައްޔިތުންނަށް ހިތާއި ހަށިތަކުގެ މިނިވަންކަން ހޯއްދަވައިދެއްވުމަށެވެ.

ނަމަވެސް އަޅުންނާއި ސާހިބުންގެ ތަފާތު މިދުނިޔެއިން ނެތިގެންދިޔުމަކީ ޝަހެންޝާހިއްޔަތުގެ ދިދަ އުފުލާ މީހުންގެ ހިތާއި ހައްޓަށް ހަމަޖެހުން ލިބޭކަމެއް ނޫނެވެ. ލޯތަކަށް ނިދި އަންނަކަމެއް ނޫނެވެ. އެމީހުން ބޭނުންވީ ކަމުވޮށީންގެ ބާރުވެރިކަމާއި އަނިޔާވެރިކަމާއި ދަށުތިބީންގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަމާއި ލިބެމުންދިޔަ އަނިޔާގެ ވާހަކަތައް ފިޔަވައި އެހެން ވާހަކައެއް ނެތް އެތަކެއްހާސް އަހަރުވީ ދިގު ތާރީޚު ދަމަހައްޓާށެވެ. އެއް ޝަހެންޝާހެއްގެ ވެރިކަން ވައްޓައިލައިފައި އަނެއް ޝަހެންޝާހަކު ތަޚުތަށް އިސްވުމުން އެބައިމީހުންނަށް އެމީހެއްގެ ވެރިކަން ގަބޫލުކުރެވިދާނެއެވެ. ކިސްރާގެ ތާޖުކޮޅު ޤައިސަރުގެ އިސްތަށިފުޅުގެ ޒީނަތަކަށްވިޔަސް އެމީހުން އެކަންވެސް ގަބޫލުކޮށް އެމީހުންގެ ހިތްތަކަށް ތަސައްލީ ދިނީހެވެ. އެބައިމީހުންގެ ޝިކާރަ ބިމުގައި މިނިކާވަގާއި ކަންބަޅީގެ ތަފާތު އޮންނާނެކަމުގެ ޔަގީންކަމުގައެވެ. ނަމަވެސް ސަހަރާވީ ޢަރަބީން ގެނައި ނިޒާމަކީ ޝަހެންޝާހިއްޔަތާ ވަޑިފަތިވާ ނިޒާމެކެވެ. ފާރިސްކަރައިގެ އަހުލުވެރީން ސާސާނީ ވެރިޔެއްގެ ބަދަލުގައި ޢަރަބި ރަސްކަލެއްގެ ވެރިކަން ގަބޫލުކުރަން ފަސްޖެހުމުގެ ސިއްރަކީ ޒަމާނުގެ ކޮންމެވެސް އިންޤިލާބެއް އެބައިމީހުންގެ ނަސީބު ބަދަލުކޮށްފާނެތީއެވެ. އެތަކެއް ސައްތަ އަހަރަކުއްސުރެ އެބައިމީހުންގެ އަޅުވެތިކަމުގެ ކަސްތަޅުގެ ބަރު އުފުލަމުން އަންނަ އަނިޔާ ލިބެމުންދާ އިންސާނިއްޔަތާ އެއްސަފެއްގައި ހުއްޓި ތިބުމަކީ އެބައިމީހުން ރުހޭކަމަކަށް ނުވާތީއެވެ. އެ އިންޤިލާބެއްގެ ރޫޙަކީ اللّـه أكبــر ގެ އަޑު ގުގުމުން ކަމުގައިވާ އިންޤިލާބަކީ އެބައިމީހުން ދުށްގޮތުގައި އެބައިމީހުންގެ މިއަދާއި މާދަމަޔަށްޓަކައި އޮތް އެންމެބޮޑު ނުރައްކަލެވެ. އެހެންކަމުން ފާރިސީންގެ މުރުޒުބާނުންނާއި، ބިންވެރީންނާއި ސިޔާސީ އަދި ޢަސްކަރީ ލީޑަރުންގެ ތެރެއިން ޢަރަބީންނާއި އަޖަމީންގެ ކުރިމަތިލުންތަކަކީ ހަމައެކަނި ވަގުތީގޮތުން ވެރީން ބަދަލުވުންކަމުގައި ބައްލަވަމުން ގެންދެވި ބޭފުޅުން ޔަޒުދުގިރުދުގެ ފަތަޙައާއި އޭނާގެ ދިރިހުންނެވުމަކީ ޚުދު އެބޭފުޅުންގެވެސް ދިރިތިއްބެވުމާއި ފަނާވުމުގެ މައްސަލައެއްކަމުގައި ބައްލަވަން ވަނީ މަޖުބޫރުވެފައެވެ.

ޔަޒުދުގިރުދުގެ ރައްޔުގައި މަޑުކުރައްވައިގެން ހުންނަވައި ދުވަސްކޮޅެއް ވަންދެން ގެންދެވީ ޙާލަތު ބަދަލުވަމުން އަންނަގޮތް ބައްލަވަމުންނެވެ. އޭނާ ރައްޔުން ވަޑައިގެންނެވީ އަސްފަހާނަށެވެ. އެރަށުގެ ބޮޑުން އޭނާއަށް ހިތްވަރު ދެއްވުމުން ކަރުމާނުގެ ތެރެއިން ލައްވައިފައި ވަޑައިގެންނެވީ ޚުރާސާނަށެވެ. އޭނާ މުރޫގައި ދިދަ ޖައްސަވައިގެން ހުންނަވައި އީރާނުގެ ދިގާއި ހުރަހުގައި އޭނާގެ މަންދޫބުން ފަތުރައިލެއްވިއެވެ. ނަތީޖާއެއްގެގޮތުން ޠަބަރިސްތާނާއި ޖަރުޖާނާއި ނަހާވިންދާއި އަސްފަހާނާއި ހަމްދާނާއި ޚުރާސާނުން ފެށިގެން ސިންދުކޯރުގެ އައްސޭރިއާ ހަމަޔަށް އިންސާނުންގެ ޠޫފާނެއް އުތުރު އަރައިގަތެވެ. އީރާނު ސިފައިންގެ ދޮޅުލައްކަ މީހުން ގުމްއަށް ޖަމާވެއްޖެއެވެ. ކިސްރާ ޔަޒުދުގިރުދު އެލަޝްކަރުގެ ދިދަ ދެއްވީ ޝާހީ އާއިލާގެ މެމްބަރެއް ކަމުގައިވާ ފީރޯޒާނަށެވެ. އޭނާ ލަޝްކަރާއިގެން ދަތުރު ކުރެއްވީ ނަހާވިންދަށެވެ.

أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه ގެ އަރިހަށް ފާރިސީންގެ ހަނގުރާމައިގެ ތައްޔާރީތަކުގެ ޚަބަރު ފޮނުއްވީ ކޫފާގެ ގަވަރުނަރު عمّــار بــن يــاســر رضى اللّـه عنـه އެވެ. عمّــار ގެ ސިޓީފުޅު ލިބިވަޑައިގެންނެވުމާއެކު أميـرالمؤمنـين އެސިޓީފުޅު ހިއްޕަވައިގެން ވަޑައިގެންނެވީ އަލްމަސްޖިދުއްނަބަވީ އަށެވެ. عمّــار ގެ ސިޓީފުޅު މަދީނާގެ އަހުލުވެރީންނަށް ވިދާޅުވެ ދެއްވުމަށްފަހު އާއްމު ޝޫރާއެއް ބޭއްވެވިއެވެ. عثمـان رضى اللّـه عنــه މަޝްވަރާ ދެއްވިއެވެ. "أميـرالمؤمنـين އެވެ. ޝާމުކަރަޔާއި ޔަމަނުކަރަޔާއި ޢިރާޤު ކަރައިގައި ތިއްބެވި މުސްލިމު ކޮމާންޑަރުންނަށް އެބޭކަލުންގެ ލަޝްކަރުތަކާއިގެން ކޫފާއަށް ވަޑައިގަންނަވާން އަންގަވާށެވެ. ލަޝްކަރުތައް ޖަމާވުމުން ކަލޭގެފާނު ކޫފާއަށް ވަޑައިގެން ލަޝްކަރުގެ މުގުލުގައި ހިއްޕަވައިގެން ދުޝްމިނުންނާ ކުރިމަތިލައްވަން ލަޝްކަރާއިގެން ވަޑައިގަންނަވާށެވެ." ޝޫރާގެ ބައިވެރީން އެހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. އެކަމަކު على رضـى اللّـه عنـــه އިންނެވީ ހަނުހިމޭނުންނެވެ. އެހެންކަމުން عمـر ގެފާނު على ގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ. على ގެފާނު ވިދާޅުވިއެވެ. أميـرالمؤمنـين އެވެ. ސިފައިން ބާލުއްވާ ސަރަޙައްދުތަކުގެ އަމަންއަމާންކަމާއި އާއްމު ހަމަޖެހުމަށް ބުރޫއަރައިފާނެއެވެ. ކަލޭގެފާނު މަދީނާ ދޫކޮށްލައްވައިފިނަމަ އެކަންވާނީ އުންމަތަށް ޤިޔާމަތެއް އައުންފަދަ ކަމެއްކަމުގައެވެ. އެހެންކަމުން އަޅުގަނޑުގެ ލަފަޔަކީ ކަލޭގެފާނު މަދީނާއިން ނުކުމެވަޑައިނުގަންނަވާށެވެ. ޔަމަނާއި ޝާމާއި ބަސަރާގެ ލަޝްކަރުތަކުގެ ތިންބައިކުޅަ އެއްބައި ނަހާވިންދުގެ މަޢުރިކާއަށް ފޮނުއްވަން ކޮމާންޑަރުންނަށް އަމުރު ފޮނުއްވާށެވެ." أميـرالمؤمنـين ގަބޫލުކުރެއްވީ على رضـى اللّـه عنـــه ދެއްވި މަޝްވަރާއެވެ. މަޖްލިސުއްޝޫރާގައި ދެން އޮތީ މިމުހިންމު މަޢުރިކާއަށް ކޮމާންޑަރ އިން ޗީފަކު ޢައްޔަން ކުރެއްވުމުގެ މައްސަލައެވެ. أميـرالمؤمنـين އަކީ ޢަރަބީންގެ ތެރޭގައި ތިއްބެވި އެންމެހައި ގާބިލު ޝަޚުޞިއްޔަތުތަކާއި އެބޭކަލުންގެ ޤާބިލިއްޔަތު ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު މިވަރުގަދަ މުހިންމަށްޓަކައި އިންތިޚާބު ކުރެއްވީ نعمـان بــن مقـرن رضى اللّـه عنــه އެވެ.

حسّان އާއި سُهيل އާއި ޒަރުބަޚުތާ ތިންބޭފުޅުން ޖަލޫލާއު އާއި ހުލުވާނާއި ޖަޒީރާ އާއި ޚޫޒިސްތާނުގެ މަޢުރިކާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެބޭފުޅުންނަށްވެސް އެހެނިހެން ސިފައިންނެކޭ އެއްގޮތަށް ޗުއްޓީ ލިބިވަޑައިގަންނަވައެވެ. (أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه ސިފައިންނަށް ޗުއްޓީ ދެއްވުމުގައި ގެންގުޅުއްވި އާއްމު އުސޫލަކީ ކޮންމެ ހަމަހަކުން ޗުއްޓީ ދެއްވުމެވެ.) ޖަލޫލާއު ފަތަޙަ ކުރެވުނުތާ އެއްއަހަރު ވީތަނާ حسّان ގެ އެންމެ ފުރަތަމަ ދަރިކަލުން ލިބިވަޑައިގެންފިއެވެ. حسّان ގެ އެދަރިކަލުންނަށް ވިދާޅުވީ سلمان އެވެ. އެބޭފުޅުން ޖަޒީރާގެ ފުތޫހާތު ނިންމަވައިފައި ޚޫޒިސްތާނުގެ މައިދާނަށް ވަޑައިގެންނެވުމުގެ ކުރީން ގެއަށް ވަޑައިގެންނެވިއިރު يـاسمـين އިންނެވީ ޒަރުބަޚުތުގެ އަލަތު ދަރިކަލުން އުނގުވަޑުވައިގެންނެވެ. ޒަރުބަޚުތު އޭނާގެ ދަރިކަލުންނަށްޓަކައި ޚިޔާރުކުރެއްވި ނަންފުޅަކީ سعد އެވެ.

ޚޫޒިސްތާނުގެ މަޢުރިކާތައް ނިމުމުން حسّان އާއި ޒަރުބަޚުތާ ދެބޭފުޅުން ބަދަލުކުރެވުނީ ކޫފާގެ ޢަސްކަރީ މަރުކަޒަށެވެ. سُهيل ވަޑައިގަތީ ބަސަރާއަށެވެ. سلمان ލިބިވަޑައިގެންނެވިތާ ތިންވަނަޔަށްވީ އަހަރު حسّان ޙައްޖަށް ވަޑައިގެންނެވިއެވެ. ޒަރުބަޚުތު ދެމަސްދުވަހުގެ ޗުއްޓީއެއް ނަންގަވައިގެން ވަޑައިގެންނެވީ ގެޔަށެވެ. حسّان ޙައްޖުވެ ވަޑައިގެން މަދީނާއަށް ޒިޔާރަތްކުރައްވައިފައި އެނބުރި ކޫފާއަށް ވަޑައިގެންނެވިއިރު އީރާނުގެ ލަޝްކަރު ގުމްއަށް ޖަމާވަމުންދާ ޚަބަރު ވަނީ އާއްމުވެފައެވެ. حسّان އާއި ޒަރުބަޚުތާއި، سُهيل ވަނީ އީރާނީންގެ ކުރިއެރުން ހުއްޓުވުމަށްޓަކައި ނަހާވިންދަށް މިސުރާބުޖެހި އިސްލާމީ ލަޝްކަރުގެ އިސްލަޝްކަރުގައި ބައިވެރިވެވަޑައިގެންފައެވެ.

+ + + + +

ފީރޯޒާނުގެ ވެރިކަމުގެ ދަށުގައި އީރާނުގެ ދޮޅުލައްކަ ސިފައިންގެ ލަޝްކަރު ހަމްދާނުގެ މަގުން ދަތުރުކޮށްފައިގޮސް މަޑުކުރީ އަލްވަންދު ފަރުބަދައިގެ ދެކުނުން ނަހާވިންދުގެ ކައިރީގައެވެ. ކުޑަދުވަސްކޮޅެއްގެ ފަހުން އެހައިބަ ބޮޑު ލަޝްކަރު ހަނގުރާމަކުރަމުން ގެންދިޔަ ސަހަރާގެ އަހުލުވެރީންގެ ލަޝްކަރުގެ އަދަދު ތިރީސްހާހަށްވުރެ ގިނައެއް ނޫނެވެ.

(ނުނިމޭ)