ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވައިލުން ނުވަތަ ގޭބަންދު ކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ކަނޑައަޅައި ޕެރޯލްގެ ގަވައިދު ގެޒެޓްކޮށްފިއެވެ.
އެ ގަވައިދުގައި ގައިދީންނަށް ބަލަންޖެހޭ ކަންތައްތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ. އެގޮތުން ގައިދީ، ޖަލުގައި ހޭދަކުރި މުއްދަތުގައި އަހުލާގީ މިންގަނޑު ވަޒަން ކުރުމަށްފަހު، ރަނގަޅުކަމަށް ޑައިރެކްޓާ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވުމާއި، ފުލުހުންނާއި ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިދީފައިވާ ކޯޓެއްގައާއި ޕްރޮސެކިއުޓާ ޖެނެރަލްގެ
އޮފީހުގައި ހިނގަމުންދާ އިތުރު މައްސަލައެއް ނެތް ގައިދީއެއް ކަމަށްވުން ހިމެނެއެވެ.
މީގެ އިތުރުން އަހުލާގު ރަނގަޅުކުރުމަށާއި ގާނޫނާއި ގަވައިދުތަކަށް ކިޔަމަންތެރި މީހަކަށް ހެދުމަށްޓަކައި ޖަލުގައި ހިންގާ ދީނީގޮތުންނާއި ތައުލީމީގޮތުން ޖަލުން ކަނޑައަޅާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނުވަތަ އެ ޕްރޮގްރާމުން ބައެއް ފުރިހަމަކޮށްފައިވުމާއި، ޕެރޯލްގެ ދަށުން ދޫކޮށްލައިފިނަމަ، ގައިދީގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހަކަށްވުމުގެ ފުރުސަތު ކުޑަކަމަށް ގުޅުންހުރި އެކިއެކި އިދާރާތަކުންނާއި ޑައިރެކްޓާ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވުން ވެސް ހިމެނެއެވެ.
ޕެރޯލްގެ ދަށުން ދޫކޮށްފިނަމަ، އެ ގައިދީ ކުށްކުރުމުން ދުރުހެލިވެ، ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމައަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ޕެރޯލް ބޯޑަށް ގަބޫލުކުރެވުމާއި، އެ ގައިދީއަކު ކުރި ކުށަކާ ގުޅިގެން އެއްވެސް މީހެއްގެ ހައްގެއް އަދާކުރަން އޮތްނަމަ، އެ ހައްގެއް އަދާކޮށްފައި އޮތުން ވެސް ހިމެނެއެވެ. އަދި ހުކުމް ތަންފީޒުކުރާ ގައިދީއެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ ނުވަތަ އެއްވެސް ސަބަބަކަށްޓަކައި އެނބުރި ޖަލަށް ރުޖޫއަ ކުރެވިއްޖެނަމަ، ޕެރޯލް ބާތިލުކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހު ފާއިތުވެފައިވުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ގަވައިދުގައިވާ ގޮތުން ޕެރޯލްގެ ފުރުސަތު ލިބޭ ގައިދީންގެ ތެރޭގައި، ކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމެއް، ނުވަތަ އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރަމުންދާ ގައިދީއެއް ނަމަ، އެ ގައިދީއެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން ހިމެނެއެވެ.
މީގެ އިތުރުން ޕެރޯލްގެ ފުރުސަތު ނުދެވޭނެ ކުށްތަކާ ބެހޭ މައުލޫމާތުތައް ވެސް އެ ގަވައިދުގައި ކަނޑައަޅާފައިވެއެވެ. އަދި ޕެރޯލްގެ ފުރުސަތު ދިނުމުގައި ރިއާޔަތް ކުރަންވާނެ ކަންކަން ވެސް ގަވައިދުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު