އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އަޅަން ބޭނުންވާ ސާމާނު އެ ސިޓީއަށް ގެންގޮސް، މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ޖީކޭ ޑިވެލޮޕްމެންޓާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ އަވަށްތަކުގެ 18 މަގެއްގައި ތާރު އަަޅައިގެން ހަދާނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ކަމާގުޅޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަށްފަހު އެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑުއަށް ޖެނުއަރީ މަހު ގެންގޮސްފައިވާ ކަމަށެވެ. ދެވަނަ ޝިޕްމަންޓް އައްޑޫއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
މިއީ ސަރުކާރުން 134 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އައްޑޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއެކު އައްޑޫގެ މަގުތައް ހެދުމުގެ ދެވަނަ މަޝްރޫއެއް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް އައްޑޫ ކައުންސިލުން ބުންޏެވެ.
އެގޮތުން 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު